ޚަބަރު

އެމްއޭސީއެލްއާ ޓީއެމްއޭ އާއި ދެމެދު އެއްވެސް އެއްބަސްވުމެއް ނެތް - އަމީރު


އައު ސީޕްލޭން ޓާމިނަލް ކުއްޔަށްދިނުމަށް އެމްއޭސީއެލާއި ޓީއެމްއޭ އާއި ދެމެދު އެއްވެސް އެއްބަސްވުމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އެއްބަސްވެފައިވާ އެއްބަސްވުމެއް އެމްއޭސީއެލްއާއި ދެމެދުގައި ނެތްކަމަށެވެ. އަދި މި މައްސަލާގައި ޓީއެމްއޭއަށް ބަދަލެއް ދޭންޖެހިދާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ އެއްބަސްވުމެއް ނެތުމުން އާބިޓަރޭޝަނަށް ދާންޖެހޭ އެއްވެސް ގޮތެއް ނެތްކަމަށް ޤަބޫލުކުރައްވާކަމަށެވެ.



މިނިސްޓަރ އަމީރު ވިދާޅުވީ ޓީއެމްއޭއަށް އައު ސީޕްލޭން ޓާމިނަލުން ޖާގަ ދޭނީ އެ މިނިސްޓްރީން ނިމިގޮތަށްކަމަށެވެ. އަދި ސަރުކާރުގެ އެ ނިންމުމަކީ އެންމެ އިންސާފުވެރިގޮތްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އައު ސީޕްލޭން ޓާމިނަލުން ޖާގަ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 6400 އަކަ މީޓަރު ދެ އަހަރު ދުވަހަށް ދިނުމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އައު ޓާމިނަލުން ޓީއެމްއޭއަށް 31000 އަކަ މީޓަރުން ދޫކުރަން ނިންމާފައިވަނީ ކުރީގެ ސަރުކާރުންކަމަށެވެ. އަދި އެ ނިންމުން ބަދަކުކުރީ މި ސަރުކާރުންކަމަށާއި އެގޮތަށް ނިންމާފައިވަނީ އެތަނުން ދައުލަތަށް ލިބޭނެ އެންމެ ރަގަޅު އާމްދަނީއެއް ހޯދުމަށްކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުން ހުށައެޅި ގޮތަށް ނޫންގޮތަކަށް އެމްއޭސީއެލްގެ ބޯޑުން ކުރިޔަށް ގެންދާނަމަ ބޯޑު ބަދަލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެކަމަށެވެ.

އައު ޓާމިނަލްގެ މައްސަލާގައި އޭސީސީން ކުރިޔަށް ގެންދިޔަ ތަހުޤީގަށް ފަހު އެކުލަވާލި ރިޕޯޓް ރައްޔިތުން މަޖިލީހުން މިރޭވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓްގައި ވާގޮތުން އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބައެއް މެމްބަރުންނާއި މިހާރު ތިއްބެވި ބައެއް މެމްބަރުންނާއި، ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެދުގައި ޢާއިލީ އަދި ވިޔަފާރީގެ ގުޅުންތަން އޮންނަކަމަށެވެ.

އައު ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރުމަށް އެމް.އޭ.ސީ.އެލުން އެއްބަސްވުމެއް ޑްރާފްޓްކޮށް، ޓީ.އެމް.އޭ އާ ޙިއްޞާކޮށް، އެ ޑްރާފްޓް ފައިނަލްކޮށްފައިވާކަމާއި، އަދި އެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ދެފަރާތުން ފޯނުން ގުޅައިގެން މުޢާމަލާތްކޮށްފައިވާކަން، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނާއި ޓީ.އެމް.އޭގެ ފަރާތްތަކާއި ދެމެދު އީ-މެއިލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކުން އެނގޭކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވއެވެ. މީގެއިތުރުން އެފަދަ އެއްބަސްވުމެއް ޑްރާފްޓްކޮށްފައިވަނީ ހަމައެކަނި ޓީ.އެމް.އޭއާއެކު ކަމުގައިވާތީ، މިކަމަކީ އެމް.އޭ.ސީ.އެލްއިން ޢިމާރާތްކުރާ އައު ސީ ޕްލޭން ޓާމިނަލްގެ ބޮޑުބައެއް ޓީ.އެމް.އޭއަށް ނުއަގުގައި ކުއްޔަށްދީ، ޓީ.އެމް.އޭއަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.