ޚަބަރު

ބަނޑަކަށްފަހު ބަނޑެއް - ނޫމަރާގެ ރައްޔިތުން ވޭނެއްގައި!


ށ ނޫމަރާއަކީ، ތިލަދުއްމަތީގެ އިރުމަތީ ދުނީގައި ހިމެނޭ، ފަޅެއް ނޯންނަ ވަށައިގެން ރާޅުގުރާ ގާމަތީ ރަށެކެވެ.

އާބާދީގައި ފައްސަތޭކައެއްހާ މީހުން ދިރިއުޅޭ ނޫމަރާގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ.

ނޫމަރާއަކީ ލަފާފުރުމުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއި އެކު، ސަރުކާރުން އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާފައި ވަނީ، 2012 ވަނަ އަހަރުގައެވެ. އަދި އެބަނދަރަކީ، ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތު ގޮތަކަށް، ރަށުގެ ފަސްގަނޑުން 80 ވަރަކަށް ފޫޓު ކޮނެގެން ހަދާފައިވާ ބަނދަރެކެވެ.

ނޫމަރާއަކީ، ގާމަތީ ރަށަކަށްވެށްފެއި، ފަޅެއް ނެތް ރަށަކަށް ވުމުން އެރަށުގެ ބަނދަރުގެ ނެރުފައިކަށިވެސް ހަދަންޖެހިފައިވަނީ އެހެން ރަށްރަށާއި ތަފާތު ގޮތަކަށެވެ. އަދި ނެރުފައިކަށީގައި ހިލަޖެހިފައި ނުވަތަ ތޮށިލެވިފައި ނުވާތީ ދެމޫސުމަށްވެސް ބަނދަރަށް ވެލި އެޅި، ބަނދަރު ތިލަވުމުގެ މައްސަލަ އާއި ކުރިމަތިލާންޖެހޭ ކަމުގައި، ނޫމަރާ ކައުންސިލްގެ ރައީސް، ހަސަން ޢަބުދުﷲ ވިދާޅުވިއެވެ.

ނޫމަރާގެ ބަނދަރު ހެދިފައި އޮތް ގޮތުން އެރަށުގެ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮޑިދޯނި ފަހަރު ނެރުފައިކަށްޓަށް އުރުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މިގޮތުން މިހާތަނަށް ނޫމަރާގެ ދެ ދޯންޏަކާއި، ތެޔޮ ބޯޓެއް، ނެރުފައިކައްޓަށް އުރި ހަލާކުވެގެން ދިޔަ ކަމުގައި، ނޫމަރާ ކައުންސިލްގެ ރައީސް ހަސަން ޢަބުދުﷲ ވިދާޅުވިއެވެ.

ހަސަން އަބުދުﷲ ވިދާޅުވީ، ނެރުފައިކައްޓަށް އުޅަނދު ފަހަރު އުރުމުގެ ހާދިސާތައް ގިނައިން ހިގާފައި ވަނީ އިރުވައި މޫސުމުގެ ހަޅަ ޖަހާ ދުވަސްވަރުގައި ކަމަށެވެ.

މިގޮތުން ނޫމަރާގެ ބަނދަރުގެ ނެރު ފައިކަށީގައި ހިލަޖެހުމަށް ހިލަ ހިފައިންގެން އައި ބޮޑު ބަނޑެއް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ނޫމަރާގެ ނެރުފައިކަށިމައްޗަށް އުރުނެވެ. ފަރަށް އެރި ގޮތަށް ހިލަތަކާއި އެކު ބަނޑު އެތާނގައި އޮވެ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެއީ 250 ފޫޓު ދިގު 50 ފޫޓު ފުޅާ ބަނޑެކެވެ.

އެ ފަހަރު ބަނޑު ނެރުފައިކައްޓަށް އަރައި ފުންނުކުރެވި އޮތުމުގެ ސަބަބުން ނޫމަރާގެ ބަދަރު ބޭނުން ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާންޖެހުނެވެ.

ފުރަތަމަ ފަހަރަށް ނެރު ފައިކައްޓަށް އުރުނު ބަނޑު އެތަނުގައި އޮވެ ހަލާކުވެ ދަނިކޮށް އަނެއްކާވެސް ދެވަނަ ބަނޑެއް ނޫމަރާގެ ނެރު ފައިކައްޓަށް ވަނީ އުރިފައެވެ. މިފަހަރުވެސް އުރުނީ ބަނދަރުގެ މަސައްކަތް ކުރާ ކުންފުނި ޝާސީ ކޮންސްޓްރަކްޝަނުން ބަނދަރުގެ މަސައްކަތް ކުރުމަށް ގެނައި ބަނޑެކެވެ.

މިފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު، އެބަނޑު ނޫމަރާގެ ފައިކައްޓަށް އުރުމާއި އެކު އެއުޅަނދު ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހު އެބަނޑު ވަނީ، ނެރުތެރެއަށް މުޅިން އަޑިއަށް ގޮސްފައެވެ. އެއާއި އެކު އަނެއްކާވެސް ނޫމަރާގެ ބަނދަރުގެ ނެރު ބަންދުވެ ރަށުގެ ރައްޔިތުންނަށް ވަނީ ތަކުލީފުތައް އުފުލަން ޖެހިފައެވެ.

ނެރުމައްޗަށް މިފަހަރު އުރުނު ބަނޑަކީ، 100 ފޫޓު ދިގު 35 ފޫޓު ފުޅާ ބަނޑެކެވެ. ނެރުމަތީގައި ބޮޑު ދެބަނޑު އަޑިއަށް ގޮސްފައި އޮތުމުން، މިވަގުތު ނެރު ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ނޫމަރާ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ނޫމަރާ ކައުންސިލްގެ ރައީސް ހަސަން ޢަބުދުﷲ ވިދާޅުވީ، އެންމެ ފުރަތަމަ އުރުނު ބަނޑުވެސް ފަޅައިގެން ގޮސް އޭގެ ދަގަނޑުގެ ބައިތައް ފަރުމައްޗަށާއި ނެރުމައްޗަށް އެޅިފައިވާތީ، ފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަންކަން އީޕީއޭ އަށާއި ކަމާއި ބެހޭ އެހެން ފަރާތްތަކަށްވެސް ރިޕޯޓުކޮށްފައި ވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫމަރާގެ ނެރުމައްޗަށް ބޮޑު ދެ ބަނޑު އުރި އަޑިއަށްގޮސްފައި ވާއިރު، އެފަދަ ހާދިސާތައް ހިނގަނީ، ރަށުގެ ރަށްޔިތުންނާއި ކަމުވޮށިގެންވާ މީހުންދޭ ލަފާތައް އަޑު ނާހާތީ ކަމުގައި ހަސަން އަބުދުﷲ ވިދާޅުވިއެވެ.

ނޫމަރާގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށްވެސް މިކަމުގެ ސަަބަބުން ހުރަސްތައް ކުރިމަތިވާއިރު، ލަފާފުރުމުގެ ދަތިކަންވެސް ނޫމަރާ ރައްޔިތުންނަށް ބޮޑުވެގެންދާނެއެވެ.