ޚަބަރު

ލީކުކޮށްލި އޯޑިއޯއަކުން ޖިނާއީ މައްސަލައެއް ފާހަގަވެފައިވާތީ އެކަން ބަލަނީ


ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އޯޑިއޯއެއްގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަމަށް ފާހަގަކުރެވިފައި ވާތީ، އެކަން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އޭނާގެ ގާތް ބަޔަކު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައި ދައުރުކުރަމުންދާ ވަގުތެއް ގައެވެ.

ނަމަވެސް އެ އޯޑިއޯއަކީ، ސައްޙަ އޯޑިއޯއެއް ނޫންކަމުގައި މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ލީކުކޮށްލާފައިވާ އޯޑިއޯއަކުން ޖިނާއީ މައްސަލައެއް ފާހަގަވެ އެކަން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވި ނަމަވެސް ބަލަމުން ދަނީ ކޮން އޯޑިއޯ އަކާއި ގުޅޭ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވެފައި ވަނީ، ލީކުވެގެން އުޅޭ އޯޑިއޯ ތަކާއި ގުޅޭ ގޮތުންނަށް ފުލުހުންނަށް މައްސަލައެއް ހުށައަޅާފައި ނުވާކަމަށެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލި އޯޑިއޯތަކުގައި ހިމެނެނީ 5 ކުލިޕެކެވެ. އޭގެ ބައެއް ކުލިޕްތަކުގައި ވަރަށް ބޭއަދަބީ ބަހުރުވައިން ވަޒީރުންނަށާއިމ ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނަށްވެސް އެއްޗެހި ކިޔާފައި ވެއެވެ.