ޚަބަރު

ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށަނީ


ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފަށާނެއެވެ. މި މަސައްކަތް މިއަދު ފައްޓަވައިދެއްވާނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވައްސަށް 50.96 މިލިޔަން ރުފިޔާ ޚަރަދުވާއިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސްޓްޕާކް ސަޙައްދެއެވެ. މި ސަރަހައްދުން 1.94 ކިލޯ މީޓަރުގެ 7 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިމުގެ އަޑިން ގޭސްހޮޅި އާއި ފަޔަރ ހައިޑްރަންޓް ހޮޅި އަޅައި، ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހަދާމަގުތައް ހަތަރު ޑިޒައިނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓާއި ފެނާ ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކޮށްގެންކަމަށް ސިޓީ ކައުންސިލްއިން ވިދާޅުވެއެވެ. އަދި މި މަގުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަޔަރ ހައިޑްރަންޓް ހޮޅި އާއި ގޭސް ހޮޅި ހިމަނައިގެންނެވެ. މާލޭގެ މަގުތައް ތަރައްޤީކުރުމަށް ޖުމުލަ 462 މިލިޔަނަށް ރުފިޔާ ޚަރަދުވެއެވެ.