ދުނިޔޭގެ އެކި ސަރަޙައްދުތައް ހަމަނުޖެހުން އިތުރުވެ، ޤާއުމުތަކުގެ ދިފާޢީ ޚަރަދުތައް ބޮޑުވެފައިވާކަން ދިރާސާތަކުންނާއި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި މަރުކަޒުވެފައިވާ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޝަން، އައިއެސްއެސުން ނެރުނު އަހަރީ ރިޕޯޓުގައިވާގޮތުގައި ދެހާސް ނަވާރަވަނަ އަހަރު ދުނިޔޭގެ ޤައުމުތަކުން އަސްކަރީ ކަންކަމަށްކުރި ޚަރަދު އޭގެ ކުރީ އަހަރަށްވުރެ %4 އިތުރުވެފައިވެއެވެ. މިދިޔަ އަހަރު ވިލާތުގެ ޤައުމުތަކުގެ ދިފާޢީ ޚަރަދުތައްވަނީ %4.2 އިތުރުވެފައެވެ. މިދިޔަ އަހަރު އެމެރިކާއާއި ޗައިނާގެ ދިފާޢީ ޚަރަދުތައްވަނީ %6.6 އިތުރުވެފައެވެ. އޭޝިޔާގެ ޤައުމުތަކުން ކުރާ ދިފާޢީ ޚަރަދުތައްވަނީ ފާއިތުވި ދިހަ އަހަރުތެރޭގައި %50 އިތުރުވެފައެވެ.
އޭޝިޔާގެ ޤައުމުތަކުން ދިފާޢީ ޚަރަދުތައް ބޮޑުކުރީ އަސްކަރީ ބޮޑުބާރެއްގެ ގޮތުގައި ޗައިނާ ދުނިޔޭގައި ޙަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ހަމަޖެހުމާއި ޞުލްޙަ ބިނާވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބޮޑެތި ބާރުތަކުން އެކުލަވާލި ބައިނަލްއަޤުވާމީ ނިޒާމުގައި ހިމެނޭ އަސްކަރީ ތިލަފަތް ހަމަކުރުމުގެ އަސާސްތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއާއި ކުރީގެ ރޫސީވިލާތުން ސޮއިކޮށްފައިވާ ނިއުކްލިއަރ ހަތިޔާރު މަދުކުރުމުގެ މުއާޙަދާތައް ހިމެނެއެވެ. އެމުއާޙަދާތަކުގެ ތެރޭގައި ހިމެނޭ ނިއުކްލިއަރ މިސައިލް މަދުކުރުމުގެ މުއާޙަދާ، އައިއެންއެފްއަށް ރަޝިޔާއިން އަމަލުކުރަމުން ނުދާކަމަށްބުނެ އެމެރިކާއިންވަނީ މިދިޔަ އަހަރު އެމުއާޙަދާއިން ވަކިވެފައެވެ.
އައިއެންއެފުން ވަކިވުމަށް އެމެރިކާ ދެއްކި ބަހަނާތަކުގެ ތެރޭގައި ޗައިނާއިން އުފައްދާ މެދުރާސްތާގެ ނިއުކްލިއަރ މިސައިލުތައް މަދުނުކުރާކަމަށް ބުނުން ހިމެނެއެވެ. ނަމަވެސް، ޗައިނާއަކީ އައިއެންއެފްގައި ޝާމިލުވާ ޤައުމެއް ނޫނެވެ. އަދި ނިއުކްލިއަރ ހަތިޔާރު މަދުކުރުމާބެހޭ ވާހަކަތަކުގައި ބައިވެރިވުމަށް އެމެރިކާއިން ޗައިނާއަށް ގޮވާލާ ގޮވާލުންތަކަށް ޗައިނާއިން ސަމާލުކަމެއްވެސް ނުދެއެވެ.
އަނެއްކޮޅުން، ނިއުކްލިއަރ ހަތިޔާރު މަދުކުރުމަށް ފިނި ހަނގުރާމައިގެ ދުވަސްވަރު ސޮއިކޮށްފައިވާ ނިއު ސްޓާޓް މުއާޙަދާގެ މުއްދަތުވެސް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަވާނެއެވެ. އެމުއާޙަދާ އައުކުރާނެކަމުގެ އިޝާރާތެއް އެމެރިކާއާއި ރަޝިޔާއިން މިހާތަނަށް ދީފައެއް ނުވެއެވެ.
ވިލާތުގެ ޤައުމުތަކުން ދިފާޢީ ޚަރަދުތައް ބޮޑުކުރާ ސަބަބުތަކުގެ ތެރޭގައި ރަޝިޔާގެ އަސްކަރީ ސުލޫކާމެދު އެޤައުމުތައް ކަންބޮޑުވާ މައްސަލައާއި ނޭޓޯގެ ޚަރަދުތަކުގައި މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް އެމެރިކާއިން އެގައުމުތަކަށް ކުރިމަތިކުރާ ފިއްތުންތައް ހިމެނެއެވެ. ވިލާތުގެ ގައުމުތަކުން ދިފާއީ ޚަރަދުތައް ބޮޑުކުރިނަމަވެސް އަސްކަރީ ކަންކަމަށް ޚަރަދުކުރުމަށް ނޭޓޯއިން ކަނޑައަޅާފައިވާ މިންވަރަށް ވިލާތުގެ ގިނަ ޤައުމުތަކުން އަދި ޚަރަދުކޮށްފައެއް ނުވެއެވެ. ރަޝިޔާއާއި ޗައިނާއިން ތަރައްޤީކޮށްފައިވާ އަޑަށްވުރެ ބާރަށް ދަތުރުކުރާ އަސްކަރީ އުޅަނދުތަކާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ ކުރޫޒް މިސައިލުތައް ދިފާޢީ އައްޑަނައިގެ ގޮތުގައި އުފައްދާފައިވާ ދިފާޢީ ނިޒާމުތަކަށް އެހަތިޔާރުތަކާ ކުރިމަތިލެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.
ހަތިޔާރު މަދުކުރުމުގައި މިހާތަނަށް އިސްކަން ދީފައިވަނީ ނިއުކްލިއަރ މިސައިލަށްކަމަށްވިނަމަވެސް އިންސާނަކާނުލައި ދަތުރުކުރާ ވައިގެ އަސްކަރީ އުޅަނދުތައް ހަތިޔާރުގެ މައިދާނަށް މިފަހަކަށް އައިސް އިތުރުވާން ފެށުމާއި އޭގެ ޓެކްނޮލޮޖީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމަކީ ހަތިޔާރުގެ ވާދަވެރިކަން އިތުރުވެ، ބައިނަލްއަޤުވާމީ އަމަނާއި ޞުލްޙައަށް ނުރައްކާވެދާނެކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.