ޚަބަރު

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުން މިމަހު 21ގައި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާޙް ކުރުން މިމަހުގެ 21ވަނަ ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަތީފު ވިދާޅުވީ، ކައުންސިލް އިންތިޚާބު ކެމްޕެއިން އިފްތިތާޙްކުރުން އޮންނާނީ މުޅި ރާއްޖޭގައި އެއް ގަޑިއެއްގައި ކުރިއަށްގެންދާ ޙަރަކާތެއްގެ ގޮތުގައެވެ.

މާލޭގައިކުރިއަށް ގެންދާ މިޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އަފްޝީން ވިދާޅުވީ އެޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ މެމްބަރުންނަށް މާދަމާއިން ފެށިގެން ޓިކެޓް ޙަވާލު ކުރަމުންދާނެކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުމަށްވެސް ޚާއްސަ ޙަރަކާތެއް ބާއްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅަން އަދި ވަކި ދުވަހެއް އަދި ކަނޑަނާޅާ އޭނާ ވިދާޅުވިއެވެ.

އަފުޝަން ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގަން އެއްބާރުލުން ދޭނެ ކައުންސިލެއް އިންތިހާބުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.