ޚަބަރު

ކޯވިޑް-19 ޖެހިގެން ވިލާތުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ


ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަސް ޖެހިގެން ވިލާތުގެ ޤަޢުމެއްގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

80 އަހަރުގެ ޗައިނާ ރައްޔިތަކު ފަރަންސޭސި ވިލާތުގެ ވެރިކަންކުރާ ޕެރިހުގައި މަރުވެފައިވަނީ ވައިރަހުގެ ސަބަބުން ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެންނެވެ. މިއީ ޗައިނާއިން ބޭރުގައި ވައިރަސް ޖެހުނު މީހަކު މަރުވި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން މީހުން މަރުވެފައިވަނީ ޖަޕާން، ހޮންގްކޮންގު އަދި ފިލިޕީންސްގައެވެ.

ވިލާތުގައި މިހާތަނަށް 50އަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ވައިރަސް ފެނިފައިވެއެވެ. ނަމަވެސް ވައިރަސް ގައިން ގަޔަށް ފެތުރޭކަމަށް އަދި ފާހަގަވެފައެއްނުވެއެވެ.

ޗައިނާގެ އައުއަހަރުގެ ޗުއްޓީއަށްފަހު މިހާރު ކޮންމެވެސް ވަރަކަށް މީހުން މަސައްކަަތަށް ނިކުންނަން ފަށާފައިފައިވީނަމަވެސް ގިނަ ޢަދަދެއްގެ ކާރުޚާނާތަކާއި އިދާރާތައްވަނީ ބަންދުކޮށްފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަލިމަޑުކަން ފެތުރުން މަޑުޖެހެންފެށިކަމަށް ބެލެވުނެވެ. ނަމަވެސް، އެއްދުވަހުން އަނެއްދުވަހަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވަނީ ޗައިނާއަށް އަދިވެސް ކޯވިޑް-19ގެ ނުރައްކާ ވަރަށް ބޮޑުކަމަށް ބުނެ، ވައިރަސް އިތުރަށް ފެތުރިގެންދާނީ ކޮން ހިސާބުތަކަކަށްކަން ބުނަން ނޭނގޭކަަމަށް ބުނެފައެވެ.

ވުހާންގެ ބާޒާރަކުން އުފެދި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ވަނީ މިހާތަނަށް 67،000އަށްވުރެ ގިނަ މީހުންނަށް ޖެހި، 1،500އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ޗައިނާއިން ބޭރުން ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ފެނިފައިވަނީ ޖަޕާނުގައި ކަރަންޓީނުކޮށްފައިއޮތް އެމެެރިކާގެ ކުރޫޒުލައިނާއަކުންނެވެ. 3،500 މީހުން ތިބި އެއުޅަނދުން 285 މީހެއްގެ ގައިން ވައިރަސްވަނީ ފެނިފައެވެ.