ދުނިޔޭގައި އޮތް ހަމަޖެހުމާއި ޞުލްޙަ ނަގާލައި އިތުބާރުގެއްލުވާލުމުގެ އަމަލުތައް ހިންގާކަމަށް ތުޙުމަތުކުރައްވާ ޖަރުމަނުވިލާތުގެ ރައީސް ފަރްންކް ވަލްޓަރ ސްޓައިންމަޔަރ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ މިޔުނިކްގައި ކުރިއަށްދާ ދިފާޢީ ބައްދަލުވުމުގެ އިފްތިތާޙީ ޖަލްސާގައި ވާހަކަދައްކަވަމުން ސްޓައިންމަޔަރވަނީ އެމެރިކާގެ އިތުރުން ރަޝިޔާއާއި ޗައިނާއަށްވެސް ނުސީދާގޮތެއްގައި ފާޑުވިދާޅުވެފައެވެ. ސްޓައިންމަޔަރ ވިދާޅުވީ ދުނިޔޭގެ ބޮޑު ތިންބާރުގެ މެދުގައި އުފެދިފައިވާ އަރާރުންތަކުގެ ސަބަބުން ހަތިޔާރުގެ ވާދަވެރިކަމެއް އުފެދިދާނެކަމުގެ ބިރުހީވެފައިވާކަމަށާއި އެޤައުމުތަކުން ދުނިޔޭގެ ކަންތައްތައް ބައްޓަންކުރުމުގައި އަސްކަރީ ބާރުވެރިކަން އިސްކުރާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޓްރަމްޕްގެ ނަން ވިދާޅުނުވެ ސްޓައިންމަޔަރވަނީ އެމެރިކާ ބާރުގަދަ ޤައުމަކަށް ހައްދަވާނެކަމަށް ވިދާޅުވެ ޓްރަމްޕް ގެންގުޅުއްވާ ޝިޢާރަށް މަލާމާތް ކުރައްވައިފައެވެ.
ކުރިން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާފައިވާ ސްޓައިންމަޔަރ އެބައްދަލުވުމުގައި ފެނިފައިވަނީ ޙަރަކާތްތެރި ބޭފުޅެއްގެގޮތުގައެވެ. އޭނާވަނީ ދުނިޔޭގެ އަމަނާއި ޞުލްޙައަށް ޖަރުމަނުވިލާތުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ތިންބާރުގެގޮތުގައި ސިފަކުރެވޭ އެމެރިކާއާއި ރަޝިޔާއާއި ޗައިނާގެ ޚާރިޖީ ސިޔާސަތުތަކަށް ސްޓައިންމަޔަރ ރުޅިވެރިކަން ފާޅުކުރެއްވިއެވެ. އެގޮތުން، ވިލާތުގެ ބައްރުގައި ރަޝިޔާއިން އަސްކަރީ ބާރުކުރިއަށް ނެރޭކަމަށާއި ޗައިނާއިން ބައިނަލްއަޤުވާމީ ޤާނޫނު ބަލައިގަންނަނީ އެޤައުމުގެ މަސްލަތަހަށް ފައިދާވާގޮތަށްކަމަށާއި އެމެރިކާވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަފްހޫމުވެސް ބަލައިގުގަންނަ ހިސާބަށް އެޤައުމުގެ އަމަލުތައް ހަރުކަށިކޮށްފައިކަމަށް ސްޓައިންމަޔަރވަނީ ތުހުމަތުކުރައްވައިފައެވެ.