ޚަބަރު

ދަރިން ތަރުބިއްޔަތު ކުރުމުގައި ޒިންމާދާރުވުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފި


ދަރީންނަކީ މާތްﷲ މައިންބަފައިންނާއި ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ހަނދާންކޮށް ދަރިން ތަރުބިޔަތު ކުރުމުގައި އިތުރަށް ޒިންމާދާރުވުމަށް މައިންބަފައިންނާއި މުދައްރިސުންނަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޙުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ ދަތިން ހެޔޮގޮތުގައި ތަރިބިއްޔަތުކުރުމުގެ މައްޗަށެވެ. އެގޮތުން ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މަޢުޞޫމު ދަރިއެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުން ހެކިދައްކަވައި، އެކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެން ދަނީ މައިންބަފައިން އެކުއްޖާ ގެންގުޅޭ ގޮތެއްގެ މައްޗަށްކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.

މައިންބަފައިންގެ އިތުރުން މުދައްރިސުންނާއި މުޖުތަމަޢުގައި ދަރިންގެ ވަށައިގެން ދިރިއުޅޭ ފަރުދުންނަކީވެސް ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ޒިންމާ އަދާކުރުމުގައި ޒިންމާވާންޖެހޭ ބައެއްކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.

ދަރިން ދެކެ ލޯބިވުމަކީ، އެ ކުދިންގެ ޢުމުރާއި ބޭނުން ތަކަށް ނުބަލައި އެ ކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދިނުން ނޫންކަމަށާ، މާ ބޮޑު ބެލެހެއްޓުމެއް ނެތި، އެ ކުދިން ބޭނުންހާ ކަމެއްކޮށް ބޭނުން ތަނަކަށްގޮސް އުޅުމުގެ މިނިވަންކަން ދިނުންވެސް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. ދަރިން ދެކެ ޙަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެ ދަރިން ތަރުބިޔަތުކުރުންކަން މިއަދުގެ ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ.

އަދި ޙަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތަޢުލީމުދީ، ފައިދާ ހުރި ކާނާ އާއި، ފޭރާން ހޯދައިދިނުމަށާއި، ދަރިންގެ ޢުމުރާ ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިނުމަށްވެއް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. ދަރިން ތަރުބިޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ، މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންކަމަށާ، މައިންބަފައިން ދޭނަޞީޙަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ، އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒުކޮށް ކުދިންނަށް މަނާކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެންކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ބަވަނަވެފައިވާ މިފަދަ ޒަމާނެއްގައި އިންޓަނެޓަށް ވަދެވޭ ގޮތަށް ލެޕްޓޮޕާއި، ފޯނާއި، އެ ނޫންވެސް ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ދަރިންނަށް ދޭންޖެހޭ ޙާލަތްތަކުގައި، މައިންބައިން ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދަރިން އެ ފަދަ ވަސީލަތްތަކުގެ ބޭނުން ހިފަނީ ރަނގަޅު ގޮތުގައިތޯ ބެލުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ޓީވީ ޗެނަލްތަކުން ދައްކާ ކުޑަކުދިންގެ ޕްރޮގްރާމުތަކަކީ އެ ކުދީންނާ އެކަށީގެންވާ، އަދި އަޚްލާޤީ މިންގަޑުތަކާއި އިސްލާމް ދީނާ ފުށުނާރާ ޕުރޮގްރާމްތަކެއްތޯ ބަލައި ކަށަވަރު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއްކަން ހަނދާންކުރުމަށްވެސް ގޮވާލާފައިވެއެވެ.

ދަރިން ހެޔޮގޮތުގައި ތަރިބިއްޔަތުކުރުމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިމިވަނީ، ކުށްކުރާ ކުޑަކުދިން އިތުރުވުމުގެ ކަންބޮޑުވުން ކަމާބެހޭ ފަރާތްތަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުޑަ ދެކުއްޖަކު އެކުދިންގެ ޢުމުރާ ނުގުޅޭ ބަދުއަޚުލާޤީ ޢަމަލެއް ހިންގި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދިފަހުން ޢާއްމުވުމާ ގުޅިގެން ދަރިންގެ ތަރުބިއްޔަތާ ގުޅޭ ކަންކަމުގެ ހަރުދަނާކަމާމެދު އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ.