ވިޔަފާރި

ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި


ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

ވިލިނގިލި ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް މީރާއިން ވިދާޅުވެއެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ.

އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާގެ އޮފީސްތައް މާލޭގެ އިތުރުން 15 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.