ވިޔަފާރި

މަސްވެރިންގެ ޕާކުގައި ތަރައްޤީކުރި ސެންޓަރު ބޭނުންކުރުމަށް ހުޅުވާލައިފި


މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ސެންޓަރުގެ ޚިދުމަތްތައް ބޭނުންކުރުމަށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މަސްވެރިންގެ ޕާކުގައި ތަރައްޤީކޮށްފައިވާ ސެންޓަރުން ލިބެން ހުރި ޙިދުމަތްތައް ބޭނުންކުރުމަށް ބޭނުންވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތުގެ މަސައްކަތް ނިންމާ، އެމް.ޑަބްލިޔު.އެސް.ސީން އެތަން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ހުސްވި ޑިސެމްބަރުމަހުގެ ތެރޭގައެވެ.

މަސްވެރިންގެ ޕާކުގައި ތަރައްޤީކޮށްފައިވާ ސެންޓަރު ފަތުރުވެރިންނަށް ހުޅުވާލުމަށްޓަކައި ފަތުރުވެރިންނަށް ޚިދުމަތްދޭ ސެންޓަރުގެ ޚިދުމަތްތައް ބޭނުންވާ ޓުއަރ އޮޕަރޭޓަރުންނާއި، ރިސޯޓްތައް އަދި ޕެސެންޖަރ ކުރޫޒް ލައިނަރތައް މެނޭޖްކުރައްވާ ފަރާތްތަކުން، މިސެންޓަރުގެ ޚިދުމަތްތައް ބޭނުންކުރެއްވުމަށް ޝައުޤުވެރިކަން ހުރިކަން މާލެ ސިޓީ ކައުންސިލަށް ލިޔުމުން އެންގުމަށް އެކައުންސިލުން ވަނީ އެދިފައެވެ.

މިސެންޓަރުން ފަތުރުވެރިންނަށް ލިބެންހުރި ޚިދުމަތްތަކަކީ، ރެސްޓް ރޫމް, ގެސްޓް ލައުންޖު, މައުލޫމާތު ސާފުކުރާ ކިއޮސްކް, ވެއިޓިންގ އޭރިއާ ފަސްޓްފުލޯރ, ވެއިޓިންގ އޭރިއާ(ގާޑަން), ފްރީ ވައިފައި އަދި އޭރިއާ ސެކިއުރިޓީއެވެ.

މި އިމާރާތުގައި އާއްމު ފާހަނާތަކުގެ ގޮތުގައި 7 ފާހަނާއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަ 1 ފާހަނާއި ފެންވެރުމަށް ޙާއްސަ 2 ފާހަނާ ހިމެނޭހެން ޖުމްލަ 10 ފާހަނާ މި އިމާރާތުގައި ހަދާފައިވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، މަސްވެރިންގެ ޕާކު އަލުން ތަރައްޤީކުރިއެއްކަމަކު، އެތަނުގެ ނަމަށް އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށެވެ. އަދި އިމާރާތާއި އިންވެގެން އެ ސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތުގެ މަސައްކަތް ނިންމާ، އެމް.ޑަބްލިޔު.އެސް.ސީން އެތަން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.