ވިޔަފާރި

ހާމަނުކޮށް ހިފެހެއްޓީ ތަހުޤީޤަކާ ގުޅުންހުރި މަޢުލޫމާތުތަކެއް- ޓުއަރިޒަމް މިނިސްޓްރީ


ޓްރޭޑް ޔޫނިއަންއިން ހޯދަން އެދުނު މަޢުލޫމާތުތައް ހާމަނުކުރީ، އެއީ ހިނގަމުންދާ ތަޙްޤީޤަކާ ގުޅޭ މަޢުލޫމާތުތަކަކަށް ވާތީކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ، ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ރަށްތަކުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން އެދުމުން، އެމިނިސްޓްރީން އެ މަޢުލޫމާތުތައް ހާމަނުކުރި ސަބަބު ބަޔާންކޮށް ނެރުނު ބަޔާނުގައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ގާނޫނީ ގޮތުން ހިނގާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށް، ޤާނޫނީ އިމްތިޔާޒް ލިބިގެންވާ މަޢުލޫމާތެއްކަމުގައިވާނަމަ، އެމަޢުލޫމާތެއް ދޫނުކުރުމުގެ އިޚްތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވާކަމަށެވެ. އަދި އެމްއެމްޕީއާރުސީއަށް ދޫކޮށްފައިވާ ރަށްތަކުގެ މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކުރަމުންދާ މައްސަލައަކަށްވާތީ، އެރަށްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރެވެން ނެތްކަމަށް ޓްރޭޑް ޔޫނިއަންއަށް އަންގާފައިވާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޓްރޭޑް ޔޫނިއަންއިން ހޯދަން އެދުނު މައުލޫމާތު ނުލިބުނު މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މިއަދު އާއްމުކޮށް ހުޅުވާލައިގެން އަޑުއެހުމެއްވެސް ބާއްވާފައެވެ. އެ އަޑުއެހުމަށް ޓުއަރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހާޒިރުނުވާއިރު، އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ ޓްރޭޑް ޔޫނިއަންއިން ހޯދަން އެދުނު މަޢުލޫމާތުތަކަކީ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތަކެއްކަމަށެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން އަޑުއެހުމަށް ހާޒިރުނުވުމަކީ ނާތަހުޒީބު އަމަލެއްކަމަށާއި އެކަން ކުށްވެރިކުރާކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް ވަނީ ވިދާޅުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީގެ ޕޮލިސީ ލެވެލް ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީ ވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒަފުންކަމަށެވެ. އަދި ޓްރޭޑް ޔޫނިއަންއިން ހޯދަން އުޅުނު މަޢުލޫމާތުތަކާ ގުޅޭގޮތުން މިނިސްޓްރީން ޢަމަލުކުރި ގޮތް އިންފޮމޭޝަން ކޮމިޝަނަރާ މީގެކުރިން ހިއްސާކޮށްފައިވާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމައްސަލައިގައި އިތުރަށް ސާފުކުރަން އޮތް މައުލޫމާތެއް ވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި ނުވަތަ ޝަރުއީ ކޯޓެއްގައިވެސް ޖަވާބުދާރީވާން ތައްޔާރަށް އޮތްކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް ދެފުށް ފެންނަ އުސޫލެއްގެ މަތިން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓުއަރިޒަމް މިނިސްޓްރީގެ ވާޖިބުތައް އަދާކުރުމުގައި، ދިވެހި ރައްޔިތުންގެ އިތުބާރާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ނަގަހައްޓައި، ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.