ޚަބަރު

ޢީދަކީ އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ މުނާސަބަތެއް


ޢީދުގެ މުނާސަބަތަކީ، އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ މުނާސަބަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޢީދު ތަހުނިޔާ މެސެޖެއްގައެވެ.ރަޢީސް ޔާމީން މިރޭ ފޮނުއްވި ޚިތާބެއްގައި ވަނީ ފިޠުރު ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުއްވާފައެވެ. ހަމައެއާއެކު، މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެޤައުމުތަކުގެ ރަޙްމަތްތެރި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ ވެރިންނަށް އަރިސްކޮށްފައިވެއެވެ. މިއަހަރުގެ ފިޠުރުޢީދު ދުވަސް، ހުކުރު ދުވަހަކާ ދިމާވިކަމީ، ޢީދުގެ އުފާ އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެއް ކަމަށާއި، ސަބަބަކީ، އީދު ދުވަހަކީ ނުހަނު ބަރަކާތްތެރި ދުވަހަކަށްވާހިނދު، ހުކުރު ދުވަހަކީ، ހަފްތާގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. ޢީދުގެ މުނާސަބަތަކީ، އަޚުންނާއި އުޚުތުންގެ ތެރޭގައި ތިބޭ އެހީތެރިކަން ބޭނުންވާ މީހުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވުމުގެ މުނާސަބަތެއް ކަމަށާއި، އަދި  ޢާއިލީ ގުޅުންތައް ބަދަހިކޮށް، ޢާއިލާތަކުގެ މެދުގައި ލޯތްބާއި އަޚުވަންތަ ކަމުގެ ގުޅުން ޤާއިމުކުރުމާއި، ރައްޓެހިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީވެސް، މިފަދަ އުފާވެރި މުނާސަބަތުތަކުގައި ކުރަންޖެހޭނެ ކަމެއް ކަމަށް ރަޢީސް ވިދާޅުވިއެވެ. ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.