ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދަށް ލިޔެކިޔުންތައް ލިބިފައި ނުވާތީ އެ މައްސަލައިގެ އަޑުއެހުން އެހެންދުވަކަށް ފަސްކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރާ ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މި ދައުވާ އުފުލާފއިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމްގެ ވަކީލު ވަނީ އެނާއަށް މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ނުލިބޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ހުރިހާ ލިޔެކިޔުންތަކެއް ދިފާއީ ވަކީލަށް ލިބުމުން މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ.
އަދުހަމަށް ދިފާއީ ވަކީލެއް ހަމަޖައްސާދީފައިވަނީ ދައުލަތުގެ ހަރަދުގައެވެ.
މި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ މި މައްސަލާގައި ހޯދާފައިވާ ސިއްރު ހެކިންގެ ބަޔާންތަކާއި ގާސިމަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް އެއްވެސް ފަރާތަކަށް ނުދީ ސިއްރުކުރުމަށް އެދިފައެވެ. އަދި ދައުލަތުން ގޮތަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ މި ސިއްރު ހެކިތައް ހާމަނުކޮށް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވާފައެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގަައި ދައުލަތުން އަދުހަމާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް މައްސަލަ ނިންމާދިނުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ އެނާ މަރާލިކަމަށް އަދުހަމް ވަނީ ތަހުޤީގުގައި އެއްބަސްވެފައެވެ. އަދި އެނާ ގާސިމަށް ހަމަލާދިނީ ފޭރެން އުޅެ އެކަން ކާމިޔާބު ނުވުމުންކަމަށް ތަހުޤީގުގައި އޭނާ ބުނެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ކުށަށް އިއުތިރާފުވެފައިވީނަމަވެސް ޢޭނާގެ މައްޗަށް މުހިންމު ފޮރެންސިކް ހެކިތަކަށް ހޯދާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި ޓެކްސީ ކުރަމުންދަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.