ޚަބަރު

އޮގްމެންޓެޑް ރިއެލިޓީގެ ޕައިލެޓު ޕްރޮޖެކްޓް 38 ސްކޫލެއްގައި ފަށަނީ


ރާއްޖޭގެ 38 ސްކޫލަކަށް އަމާޒުކޮށްގެން އޮގްމެންޓެޑް ރިއެލިޓީ އެޕް މެދުވެރިކޮށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ހޮލޯގޯ އާއި މޯމްސް އެންޖީއޯ އާއި ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި މި ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވާ 38 ސްކޫލް މިހާރު ކަނޑައަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ފުރަތަމަ 38 ސްކޫލްގައި ހިންގަން ނިންމިކަމުގައިވިޔަސް އެހެން ސްކޫލްތަކުގައިވެސް މިޕްރޮގްރާމް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވީ މިޕްރޮގްރާމުގައި އޮގްމަންޓެޑް ރިއެލިޓީ އެޕެއް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ދެވޭނެކަމަށެވެ. މީގެ އިތުރުން މިއީ ކުދިންނަށް ޑިޖިޓަލް ޓެކްނޮލޮޖީއާއި އެކު ކުރިއަށް ދިޔުމަށްވެސް ހުޅުވާލެވޭ ވަރަށް މުހިއްމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމަކީ މޯމްސް އެންޖީއޯގެ ފަރާތުން ތައުލީމީ ދާއިރާއާއި ގުޅޭގޮތުން ކުރާ މަސައްކަތްތަކުގެތެރެއިން ކުރެވޭ މަސައްކަތެއްކަމަށް އެފަރާތުން ވިދާޅުވެއެވެ. އަދި ހޮލޯގޯއިނ ރާއްޖެއަށް ތަޢާރަފުކޮށް ބޭނުންކުރާ އޮގްމަންޓެޑް ރިއެލިޓީއެޕް މެދުވެރިކޮށް ޕްރޮގްރާމް ހިންގާއިރު މީގެތެރެއިން 30 ސްކޫލަކަށް މި ޕްރޮގްރާމު ކުރިއަށްގެންދިޔުމުގެ ހުރިހާކަމެއް ސްޕޮންސަރކޮށްފައި ވަނީ ދިރާގުންނެވެ.