ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަލުން ފަށާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އާއި ކްލަބް އޭދަފުށި ބައްދަލުކުރަން ޖެހިއްޖެއެވެ.
އަންނަ މާރޗް މަހުގެ 5 ވަނަ ދުވަހު ފެށުމަށް އެފްއޭއެމްއިން ތާވަލްކޮށްފައިވާ މި މުބާރާތުގައި 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުން ވަކިވެފަ އެވެ. މުބާރާތް ކުރިޔަށްދާނީ ނޮކްއައުޓް ފޯމެޓަށެވެ.
2017 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މި ސީޒަނުގައި ވާދަނުކުރާތީ މގުރު ނެގުމުގެ ކުރިން އެ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބާއި ތިން ވަނަ ހޯދި މާޒިޔާ ވަނީ ސީޑުކޮށްފަ އެވެ. މި ދެޓީމު ސީޑް ކުރީ ސެމީ ފައިނަލުގައި ވާދަކުރަން ނުޖެހޭ ގޮތަށެވެ.
މުބާރާތް ހުޅުވާ މެޗުގައި މާރޗް ފަސް ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޓީސީ އާއި އޭދަފުށްޓެވެ. އަދި އެރޭ ބައްދަލުކުރާނީ ފޯކައިދޫ ފުޓުބޯޅަ ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
އަދި ހަވަނަ ދުވަހު ހަވީރު މާޒިޔާއިން ގްރީން އާއި ދެކޮޅަށް ނުކުންނައިރު އެރޭ އީގަލްސްއިން ނުކުންނާނީ ވިލިމާލޭ ޔުނައިޓެޑާއި ދެކޮޅަށެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ.
އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ބަލިކޮށް ހޯދީ ނިއު ރޭޑިއަންޓެވެ.