މިދިޔަ ޑިސެމްބަރު މަހު މާލެ ސަރަހައްދުގައި ހިމަބިހި ފެތުރެން ފެށިފަހުން މިހާތަނަށް 9 މީހަކަށް އެބަލި ޖެހިފައިވާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި މީހާއަށް މިހާރު ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
އަދި ބަލި ޖެހިފައިވާ މީހަކު ފެނުމުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެސަރަހައްދެއްގައި މައުލޫމާތު ދިނުމާއި، އިތުރަށް ދެނެގަތުމާއި، ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ބަލި ފުރަތަމަ ޖެހިފައި ވަނީ މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކުޑަކުއްޖަކަށެވެ.
ޖެނުއަރީ 8 ވަނަ ދުވަހު ކުޑަކުއްޖާއަށް އެބަލި ޖެހުނުކަން ކަށަވަރުވިތާ އިއްޔެއަށް އެއްމަސް ދުވަސްވީ އިރު، އެބަލި ޖެހުނު މީހުންގެ އަދަދު ވަނީ 9އަށް އަރާފައެވެ.
އަދި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން 6 އާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް، މީސްލްސް ވެކްސިންގެ އިތުރު ޑޯޒެއްވެސް ވަނީ ދޭން ފަށާފައެވެ.