ވިޔަފާރި

ފުރަތަމަ މަސް - އާމްދަނީ 1.6 ބިލިއަން ރުފިޔާ، ޚަރަދު 1.4 ބިލިއަން ރުފިޔާ


ޖެނުއަރީމަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީމަހުގެ ނިޔަލަށް ދައުލަތަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.4 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 180 މިލިއަން ރުފިޔާ ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު ނެރޭ ދައުލަތުގެ މާލީ ހިސާބުތަކުގައިވާ ގޮތުން އެކިއެކި ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 1.42 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްއިން ލިބުނު 725 މިލިއަން ރުފިޔާއާއި، ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްއިން ލިބުނު 541 މިލިއަން ރުފިޔާ ހިމެނެއެވެ. އެހެނިހެން ބައެއް ޓެކްސްތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 81 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 65 މިލިއަން ރުފިޔާ މިދިޔަމަހު ދައުލަތަށް ވަނީ ލިބިފައެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަމަހު ލިބިފައިވަނީ 180 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ އެކިއެކި ފީތަކާއި ޗާޖުތަކުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 98 މިލިއަން ރުފިޔާ، ރަޖިސްޓްރޭޝަންއާއި ލައިސަންސް ފީގެ ގޮތުގައި ލިބިފައިވާ 10 މިލިއަން ރުފިޔާ، ކުލީގެ ގޮތުގައި ލިބިފައިވާ 54 މިލިއަން ރުފިޔާއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބިފައިވާ 4.3 މިލިއަން ރުފިޔާ ހިމެނެއެވެ.

މިއަހަރުގެ ފުރަތަމަ ދައުލަތަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 1.4 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ މަހުގެ ޚަރަދުތަކަށްވުރެ ދައުލަތަށް ލިބުނު އާމްދަނީ ވަނީ 113 މިލިއަން ރުފިޔާ އިތުރުވެފައެވެ.