ސިޔާސީ

ޤާނޫނުލްއުޤޫބާތަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް އަންގައިފި


އާ ޤާނޫނުލްއުޤޫބާތަށް މިއަދު އަމަލު ކުރަންފެށުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ، ރާއްޖޭގެ ތަހުޤީޤު އިދާތާތަކުން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ފުރިހަމަ ކުރުމަށް ބަންޑާރަނައިބު އަންގަވައިފިއެވެ.ބަންޑާރަނައިބުގެ އޮފީހުން ބުނީ މިހާރު ޝަރުޢީ މަރުހަލާގައި ހިނގަމުންއަންނަ މައްސަލަތަކާއި، މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެންމެ އަދުލުވެރިގޮތް ދެނެގަނެ، އެފަދައިން އިންތިޒާމުތައް ރާވައި ހިންގުމަކީ ދައުވާލިބޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. ހަމައެއާކު އާ ޤާނޫނުލްއުޤޫބާތަށް އަމަލު ކުރެވެން ފެށުމާއެކު އެކަން އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.ޤާނޫނުލްއުޤޫބާތަށް އަމަލުކުރަން ފަށާފައިވަނީ އެޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 1 އަހަރާ 3 މަސް ފަހުންނެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި އާ ޤާނޫނުލްއުޤޫބާތަށް އާންމުން ހޭލުންތެރިކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އެޤާނޫނުގެ ތަމްރީނު ނުލިބިހުރި ޕްރޮސިކިއުޓަރެއް ނުވަތަ ތަޙުޤީޤީ އިދާރާއެއްގެ އޮފިސަރެއް ނުހުންނާނެކަން ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރައްވައެވެ. އަދި މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގޮތުގައި ބަންޑާރަނައިބު ފާހަގަކުރައްވައެވެ. އާ ޤާނޫނުލްއުޤޫބާތަށް އަމަލުކުރަން ފެށުމާގުޅިގެން ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.