ޚަބަރު

ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ މަޝްވަރާކުރައްވައިފި


ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް، އެން.އެސް.ސީން ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، އެން.އެން.ސީ. ގެ ފަރާތުން، ޓުއަރިޒަމްދާއިރާގެ އިސް ފަރާތްތަކަކަށް ވަނީ މި ހަރުކަށި ޢަމަލާ ގުޅިގެން ދިވެހި މުޖްތަމަޢާއި އިޤްތިޞާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ މިކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމާއި މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ކުޑަވެސް ދުލެއް ނުދެއްވާ ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް ދެއްވާފައެވެ. މީގެ އިތުރުން މި ހަރުކަށި ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތުތައް ވެސް ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ އެން.އެން.ސީ އިން މި ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ. އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ޓުއަރިޒަމްދާއިރާގެ އިސްފަރާތްތަކުން ވަނީ މިކަމާގުޅިގެން ކުރަންޖެހޭ ކަންކަމުގައި ޓުއަރިޒަމްދާއިރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދުގެ އިތުރުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.