މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަށް ދިން ވަޅީގެ ހަމަލައިގެ މައްސަލައިގައި 6 މީހުން ހައްޔަރުކޮށްފިއެވެ.
މިރޭ ފުލުހުންގެ މައި އިދާރާގެ ބޭރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުން ހާމަކުރެއްވިގޮތުގައި މިމައްސަލާގައި މިހާތަނަށް ފާހަގަވެފައިވަނީ މި ޢަމަލަކީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި އަމަލެއްކަން ކަމަށެވެ. މިއަނިޔާވެރި ޢަމަލު ހިންގި އެންމެންނާއި މިކަމަށް އެހީތެރިވި މީހުން ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ މުޅިންވެސް ދިވެހިންކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.
މީގެއިރުން މިދިޔަ ޑިސެމްބަރު 28ވަނަ ދުވަހުގެރޭ، ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ދިން ވަޅީގެ ހަމަލައާ މިހަމަލައާ ހުރީ ކިހާވަރެއްގެ ގުޅުމެއްތޯ ބަލާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިޙާދިސާގައި އަނިޔާވި 3 މީހުންގެ ތެރެއިން އެކަކުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިކަމަށާ، އަނެއް 2 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން މިޙަމަލާގެ ޒިންމާ އުފުލާކަމަށްބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ވީޑިއޯގެ ސައްޙަކަން އަދިވެސް މިދަނީ ބަލަމުންކަން ހާމަކުރައްވައި، ފުލުހުން ވިދާޅުވީ މިވީޑިއޯ ސޯޝަލް މީޑިއާގައި ޝެއަރކުރުމަކީ ޤާނޫނީ ކުށެއްކަމަށްވާތީ އެކަން ނުކުރުމަށްވެސް އިލްތިމާސްކުރާކަމަށެވެ.