ޚަބަރު

ރޭ ހއ ދިއްދޫ ކައިރިއަށް އައި ލޮޅުންތަކަކީ 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް


ރޭ އުތުރުގެ އަތޮޅުތަކަށް އިހްސާސް ކުރެވުނު ގުޑުމަކީ ހއ ދިއްދޫގެ އިރު އުތުރުން 78 ކިލޯމީޓަރު ދުރަށް، ރިކްޓަރ މިންގަނޑުން 4.5ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ލޮޅުންތައް ކަމުގައި ޔޫއެސްޖިއޮލޮޖިކަލް ސާވޭއިން ބުނެފިއެވެ.

ބިންހެލުންތަކާއި ގުޅޭ މައުލޫމާތު، ހާމަކުރާ ޔޫއެސްޖިއޮލޮޖިކަލް ސާވޭގެ ވެބްސައިޓްގައި ބުނެފައިވާގޮތުން، ބިންހެލުން މަރުކަޒުވެފައި ހުރީ، ހއ ދިއްދޫގެ އިރު އުތުރުން 78 ކިލޯމީޓަރު ބޭރުގައި ކަނޑުގެ 10 ކިލޯމީޓަރު އަޑީގައެވެ.

ބިންހެލުން ރެކޯޑްކުރެވިފައި ވަނީ ރާއްޖޭގަޑިން ރޭ މެންދަމު 1:47ގައި ކަމަށްވެސް ޔޫއެސްޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ބުނެފައި ވަނީ، އުތުރުގެ އަތޮޅުތަކަށް އެރި ގުޑުން ރޭ ހަނިމާދޫގައި ބެހެއްޓިފައިވާ ބިންހެލުން ބަލާ މީޓަރަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ބިންހެލުމާއި ގުޅިގެން އެރި ލޮޅުންތައް އިހްސާސްކުރެވުނު ކަމަށް ހއ އަތޮޅުގެ ގިނަ ރަށްތަކަކުން ރިޕޯޓްކޮށްފައި ވެއެވެ.

ނަމަވެސް އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.