ޚަބަރު

އެއްވެސް ތުހުމަތެއް ޓްރަމްޕުގެ މައްޗަށް ސާބިތެއް ނުވި، ދައުރު ނިމެންދެން މަޤާމުގައި ދެމިހުންނަވާނެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ދުރުކުރުމަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ކުރި މަސައްކަތް ނާކާމިޔާބުވެ ދައުރު ނިމެންދެން އޭނާ މަޤާމުގައި ހުންނަވާނެކަން ޔަޤީންވެއްޖެއެވެ.

އެމެރިކާގެ ރައީސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާއާގުޅޭ ތަހުޤީޤުތަކެއް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓޭޓިވްސުން ފެށީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސުން ޓްރަމްޕުގެ މައްޗަށް ކުރީ މައިގަނޑު ދެތުހުމަތެކެވެ. އެއީ މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމުގެ ތުހުމަތާއި ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތެވެ. ހައުސް އޮފް ރިޕްރެޒެންޓޭޓިވްސުން ނިންމީ ޓްރަމްޕުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވާކަމަށާއި އޭނާ މަޤާމުން ދުރުކުރަންޖެހޭކަމަށެވެ.

ޓްރަމްޕް މަޤާމުން ދުރުކުރުމަށް ސެނެޓުގައި ޝަރީޢަތެއް ހިންގި ނަމަވެސް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު ސެނެޓުގައި އޮތުމުން އޭނާ މަޤާމުން ދުރުކުރެވިދާނެކަމަކަށް ނުބެލެވުނެވެ. ނަމަވެސް އިދިކޮޅު ޕާޓިން ބުނަމުންދިޔައީ ވެރިކަންކުރާ ޕާޓީގެ ވޯޓުވެސް ލިބިގެން ޓްރަމްޕް މަޤާމުން ވަކިކުރެވޭނެކަމަށެވެ. ޓްރަމްޕް މަޤާމުނ ދުރުކުރުމަށް ސެނެޓުގެ ތިން ބައިކުޅަ ދެބައި ވޯޓު ބޭނުންވެއެވެ.

ޓްރަމްޕުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅޭގޮތުން ވޯޓު ނެގީ ވަކިވަކިންނެވެ. މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމުގެ ތުހުމަތާ ގުޅޭގޮތުން ނެގި ވޯޓު ޓްރަމްޕް ކާމިޔާބުކުރެއްވީ 52-48 ވޯޓުންނެވެ. އަދި ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތާ ގުޅޭގޮތުން ނެގި ވޯޓު ޓްރަމްޕް ކާމިޔާބުކުރެއްވީ 53-47 ވޯޓުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މެންބަރުން ވޯޓުދެއްވީ ޓްރަމްޕާ ދެކޮޅަށެވެ. ނަމަވެސް، ޓްރަމްޕާ ދެކޮޅަށް އެންމެ ފުރަތަމަ ނެގި ވޯޓުކަމަށްވާ މަޤާމުގެ ނުފޫޒު ބޭނުންކުރެއްވިކަމުގެ ތުހުމަތާ ގުޅޭގޮތުން ނެގި ވޯޓުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ މިޓް ރޮމްނޭ ވޯޓު ދެއްވީ ޑިމޮކްރެޓިކް ޕާޓީ ބޭނުންވިގޮތަށް، ޓްރަމްޕާ ދެކޮޅަށެވެ. ފަހު ވޯޓުގައި ރޮމްނޭ ވޯޓުދެއްވީ އޭނާގެ ޕާޓީން ނިންމިގޮތަށް ޓްރަމްޕާ އެއްކޮޅަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މިއީ ޓްރަމްޕަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބެކެވެ. އަދި ނޮވެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ލިބިވަޑައިގަތް ރަގަޅު ފުރުޞަތަކަށެވެ.