ޚަބަރު

ކޮމިޓީގައި މުޢިއްޒު އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށަހަޅަން ފާސްކޮށްފި


ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީއަށް ދައުލަތުން ބަދަލު ދިނުމަށް ނިންމި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ނޫމަޑި ކުންފުންޏަށް ދައުލަތުން ބަދަލުދޭން ނިންމި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދު ވޯޓަށް އެހުމުން މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ނޫމަޑިއާއެކު ކުރީގެ ރައީސް މުޙައްމަދު ވަހީދު ސަރުކާރާއި ކުރީގެ ރައީސް ނަޝިދުގެ ސަރުކާރުގައި ހައުސިން ޔުނިޓްތަކެއް އެކިރަށްރަށުގައި އެޅުމަށް ހެދި އެއްބަސްވުން ބާޠިލްކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއް ދީފައެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި ދެ ފޭސްގެ މަތިން 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކޮމިޓިގައި ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، ނޫމަޑި ކުންފުންޏަށް ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހުނީ ކުރީ ސަރުކާރާއި މިސަރުކާރުގައި ހައުސިން މިނިސްޓްރީގައި މަސައްކަތްކުރާ ބަޔަކު އެ އަމާޒަށް ގަސްދުގައި ގެންދިއުމަށް ކުރި މަސައްކަތުގެ ސަބަބުންކަމަށެވެ.

ކޮމިޓިގައިމެންބަރުން ވަނީ ސިންގަޕޫރުގެ އާވިޓްރޭޝަންގައި ދައުލަތާއި ދެކޮޅަށް މުޢިއްޒު ހެކިބަސް ނުދެއްވިނަމަ ދައުލަތުން ދޭންޖެހުނު ބަދަލު ކުޑަވީސްކަމަށް ވިދާޅުވެފައެވެ. އާބިޓްރޭޝަނަށް މުޢިއްޒު މަޢުލޫމާތު ދެއްވީ ދައުލަތުން ނުވަތަ ނޫމަޑިން ހުށަހަޅައިގެންތޯ މެންބަރުން ސުވާލުކުރުމުން އެ ސުވާލަށް ސީދާ ޖަވާބެއް މުޢިއްޒު ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މުޢިއްޒު ކޮމިޓީގައި އިތުރުފުޅު ހެއްދެވި މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.