ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސް ކުރެއްވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ކެރެލާ ސްޓޭޓްގެ ތިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެސްޓޭޓުން "ސްޓޭޓް އޮފް ކެލިމިޓީ" ނެރެފައިވާތީއެވެ. އެމިނިސްޓްރީން ވިދާޅުވީ "ސްޓޭޓް އޮފް ކެލިމިޓީ" ދެމިއޮތްހާ ހިނދަކު ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ދިވެހިން ކެރެލާއަށް ދަތުރުނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފޮރިން މިނިސްޓްރީންވަނީ މިވަގުތު އިންޑިޔާގެ އެކި ސްޓޭޓްތަކުގައްޔާއި ޚާއްސަކޮށް ކެރެލާ ސްޓޭޓްގައި ދިރިއުޅޭ އަދި އެޤައުމަށް ޒިޔާރަތްކުރާ ދިވެހިން ފޮރިން މިނިސްޓްރީގައި ނުވަތަ އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީ ކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ކޮރޯނާ ވައިރަސްއާ ގުޅިގެން ދެމުންދާ އިޝާރާތްތަކަށް ސަމާލުކަން ދީ އެއަށް ޢަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.