ޚަބަރު

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ރައީސްގެ ތަޢުރީފް


ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެޤައުމުން ގެންގުޅޭ ދެފުށްފެންނަ ޒިންމާދާރު ސިޔާސަތުތައް ފާހަގަކުރައްވާ
ޗައިނާގެ ރައީސް ޝީޖިންގ ޕިންއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގައި ތިބި ދިވެހިންނަށް ބޭނުންވި އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައިވެސް ޗައިނާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޗައިނާގެ ރައީސް ޝީޖިންގ ޕިންއަށް ފޮނުއްވި ސިޓީފުޅެއްގައިވަނީ މިފަދަ ދަނޑިވަޅެއްގައި ޗައިނާގެ ރައީސް ޝީޖިންގ ޕިން އިސްވެ ހުންނަވާ ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ބަލިމަޑުކަމުގެ މިދަނޑިވަޅުން އަރައިގަތުމަށް ޗައިނާ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތް ކާމިޔަބުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން އަޅުއްވާފައިވާ ހަލުވި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢަށްކޮށްފައިވާ ބޮޑެތި ފައިދާތައްވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައިވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން މަރުވެފައިވާ އެންމެހައި ފަރާތްތަކަށާއި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ޗައިނާގެ ވޫހާން ސިޓީގައި އާއްމުވެ މުޅި ދުނިޔެއަށް އޭގެ ނުރައްކާ ބޮޑުވެ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ސިއްޙީ ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައެވެ. އަދި މިޙާލަތުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ޤައުމެއް ގުޅިގެން ޑަބްލިއުއެޗްއޯގެ އިރުޝާދާއެކު އަންނަނީ މަސައްކަތްކުރަމުންނެވެ.