ޚަބަރު

އިންޑިއާގައި ކަރަންޓީންކޮށްފައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ސަފީރު


ޗައިނާގެ ވުހާންއިން ދިއްލީއަށް ގެނެސް އެޤައުމުގައި މިހާރު ކަރަންޓީންކޮށްފައިވާ 7 ދިވެހިންގެ ހާލު ރަނގަޅުކަމުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓީންކޮށްފައިވާ ދިވެހިންގެ ހާލަތު، ހައިކޮމިޝަނުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ.

އަދި މިހާތަނަށް ޖުމުލަގޮތެއްގައި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅުކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކުވެސް އެމީހުންގެ ހާލަތު ގާތުން ބަލައި މޮނީޓަރކުރައްވަމުންގެންދަވާ ކަމުގައި އެކަމަނާވިދާޅުވިއެވެ.

ޗައިނާގެ ވުހާން އިން ގެނެސް ދިއްލީގެ ބޭރުގައިވާ ކަރަންޓީން ފެސިޓީއެއްގައި ކަރަންޓީން ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި، ކުޑަކުއްޖަކާއި 5 އަންހެނުންނެވެ. އެމީހުންނާއި އެކު ވުހާންއިން ގެނައި އިންޑިއާގެ 323 ރައްޔިތުންވެސް ވަނީ އެތަނުގައި ކަރަންޓީންކޮށްފައެވެ. 14 ދުވަހުގެ މުއްދަތަކަށް އެމީހުން އެތަނުގައި ކަރަންޓީންކޮށްފައި ތިބޭނެއެވެ.

އެއާއިންޑިއާގެ ޚާއްސަ ފްލައިޓެއްގައި ވުހާންގައި 7 ދިވެހިންނާއި އިންޑިއާގެ 323 ރައްޔިތުން ދިއްލީއަށް ގެނެސްފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުއެވެ.

ޗައިނާގެ ވޫހާން ސިޓީން އިންޑިއާގެ ދިއްލީއަށް ގެންގޮސް ކަރަންޓީންކޮށްފައިވާ ދިވެހިންނަށް އެމީހުންގެ ޢާއިލާއާ ގުޅޭނެ އިންތިޒާމު ހަމަޖައްސަވައި އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދާނެ ކަމުގައި ޚާރިޖިއްޔާއިންވެސް ވަނީ ބުނެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުފައި ވަނީ ހުބެއި ޕްރޮވިންސްގެ ވުހާންގައެވެ. މިހާރު މުޅި ޗައިނާއަށް އެވައިރަސް ފެތުރިފައި ވާއިރު، 20 ހާހަށްވުރެ ގިނަ މީހުން އެވައިރަހަށް ޕޮޒިޓިވްވެ، މަރުވި މީހުންގެ އަދަދުވެސް 400އަށްވުރެ ވަނީ މަތިވެފައެވެ.