ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 14 ބިލެއް ބަހުސްކުރުމަށް އެޖެންޑާކޮށް މަޖިލީހުގެ މަސައްކަތްތަށް ފަށައިފިއެވެ.
މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ އިއްޔެ ބާއްވާފައި ވާއިރު، އެ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެއްގަމު ދަތުރުފަތުގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކުގެ ބިލަށް ބަހުސްކުރުމާއި، ފެނާއި ނަރުދަމާގެ ބިލަށް ބަހުސްކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލަށް ބަހުސްކުރުން ހިމެނެއެވެ.
މީގެ އިތުރުން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލާއި، ޖިނާއީ އިޖުރާޢަތުގެ ބިލާއި، ތަޢުލީމްގެ ބިލް އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލަށްވެސް ބަހުސްކުރުމަށް އެޖެންޑާކޮށްފައިވެއެވެ. އަދި ހަކަތާއިގެ ބިލާއި މަތީ ތަޢުީމްގެ ބިލްވެސް ވަނީ ބަހުސްކުރުމަށް އެޖެންޑާކޮށްފައެވެ.
ނޫމަޑި ކުންފުންޏަށް ދައުލަތުން ބަދަލުދޭން ނިންމާފައިވާ މައްސަލަ ކޮމިޓިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވާއިރު، ކޮމިޓީ ރިޕޯޓުގެ ބަހުސް ނިމިއްޖެނަމަ މިއަދު ވޯޓަށް އަހާނެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވެފައިވަނީ މަޖިލީހުގެ މި ދައުރަށް 56 ބިލެއް ސަރުކާރުން މަޖިލީހަށް ހުށައެޅުއްވުމަށް ނިންމަވާފައި ވާކަމަށެވެ.