ޚަބަރު

16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި


އުތުރުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި 60 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން އުތުރުގެ ރަށެއްގެ ފިހާރައެއްގެ ސޭޓަކަށް އިން 16 އަހަރުގެ އަންހެން ކުއްޖަކަށް އެފިހާރައަށްދިޔަ މީހަކު ޖީންސީ ގޯނާކުރި މައްސަލައެއް އިއްޔެ އެސަރވިސްއަށް ހުށައަޅާފައިވާކަމަށެވެ.

އަދި މިމައްސަލައާ ގުޅިގެން މިއަދު ހަވީރު ކޯޓުއަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ތަހުޤީގުކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ދެކުނުގެ ރަށެއްގައި ތުއްތު އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެ ފުލުހުން އެމައްސަލަ ތަޙްޤީގުކުރަމުންދާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު މައްސަލަތަކެއް އޭގެފަހުން ފެންމަތިވެ އެމައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިންދަނީ ބަލަމުންނެވެ.

މިފަދަ މައްސަލަތައް ފަހަކަށް އައިސް ފެންމަތިވާންފަށާފައިވާއިރު ކުޑަކުދިންނަށް މިފަދަ ގޯނާކުރާ މީހުންނަށް މިހާރަށްވުރެ ފާރަވެރިވުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރަމުންނެވެ. އަދި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން އެކަނި ތަންތަނުގައި ބެހެއްޓުން އެދެވިގެންނުވާއިރު، މިކަންކަމާމެދު ބެލެނިވެރިން މިވަނީ އިތުރަށް ވިސްނަންޖެހިފައެވެ.