ޚަބަރު

މިނިވަންދުވަހު އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނަން-ޕޮލިސް


މިނިވަންދުވަހު، ނުތަނަވަސްކަން އުފައްދައި، ރައްޔިތުންނަށް އުފާވެރިކަން ގެއްލޭގޮތަށް ހިންގާ އެއްވެސް ހަރަކާތަކަށް ފުރުސަތު ނުދޭނަކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ބުނީ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ދުރާލާ އެޅަމުންދާކަމަށެވެ.މިނިވަން 50 އާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން، ސަލާމަތީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުން ވަނީ ނިންމާފައެވެ. ފުލުހުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައެވެ.ފުލުހުންވަނީ މި އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގުގެ ސެކިއުރިޓީ ޕްލޭނެއްވެސް އެލުލަވާލާފައެވެ. މިގޮތުން މިނިވަން ދުވަސް ފާހަގަކުރުމުމަށް ކުރިއަށްގެންދާ ހަރަކާތްތަކަކީ ރައްޔިތުންނަށް އުފާވެރިކަމާ މިނިވަންކަން އިހުސާސް ކުރެވޭފަދަ ވެއްޓެއްގައި ކުރިއަށްގެންދެވޭނެ ހަރަކާތްތަކަކަށް ހެދުމަށް ފުލުހުންގެ މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކަން ހާސިލްކޮށްދިނުމަށް ބޭނުންވާނޭ ސަލާމަތީ ހުރިހާ ވަސީލަތެއް ފުލުހުން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މީގެ އިތުރުން މިނިސްވަންދުވަހުގެ ޚާއްސަ އިޙްތިފާލުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން އަންނަ ޑިޕްލޮމެޓުންނަށް ބޭނުންވާނެ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އެމް.އެން.ޑީ.އެފާ ގުޅިގެން މަސައްކަތް ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ނިންމާފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.