ޚަބަރު

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން އިންޑިއާއަށް ގެނެސްފި


ޗައިނާގެ ވޫހާން ސިޓީ ގައި ތިބި 7 ދިވެހިން އިންޑިއާގެ ދިއްލީއަށް ގެނެސްފިއެވެ.

އެއާ އިންޑިއާގެ ޚާއްސަ ފްލައިޓެއްގައި 7 ދިވެހިން މިހާރު ދިއްލީއަށް ގެނެސްފައިވާކަމުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

7 ދިވެހިންނާއި އިންޑިއާގެ 323 މީހުން ގޮވައިގެން ޗައިނާގެ ވުހާން އިން ދިއްލީއަށް ދަތުރުކުރި އެއާއިންޑިއާގެ ފްލައިޓް ދިއްލީ އެއާޕޯޓުގައި ޖައްސާފައި ވަނީ އިންޑިއާ ގަޑިން 9:00 ހާއިރުގައެވެ.

މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވީ، ވުހާންގައި ތިބި 7 ދިވެހިން، އިންޑިއާގެ ޕަބްލިކް ހެލްތުގެ ސްޓޭންޑަރޑްތަކާއި އެއްގޮތަށް އެޤައުމުގައި ކަރަންޓީން ކުރެވޭނެ ކަމަށެވެ.

އަދި އެމީހުން ރާއްޖެ ގެންނާނީ އޭގެ ފަހުން ކަމުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓް ..

ޗައިނާގެ ވުހާންއިން ދިއްލީއަށް ގެނައި 7 ދިވެހިން ކަރަންޓީނު ކުރެވޭނީ ދިއްލީގެ މަނޭސާރުގައި ގާއިމު ކުރެވިފައިވާ ޚާއްސަ ކަރަންޓީން ފެސިޓީޒްގައި ކަމަށް، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަނީ ބުނެފައެވެ.

އެމްބަސީން ވިދާޅުވީ 7 ދިވެހިން ދިއްލީއަށް ގެނެވުނީ އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީއާއި އެކު ކުރެވުނު މަސައްކަތުގައި ބެއިޖިންގްގައި ހުންނަ ރާއްޖޭގެ އެމްބަސީގެވެސް އެއްބާރުލުންވެސް ލިބުނުކަމަށެވެ. އަދި އެމީހުން ވުހާން އިން ނެރުމަށް ޗައިނާ ސަރުކާރުން ދޭންޖެހޭ ހުއްދަތައް ލިބުމާއި އެކު ލަސްނުކޮށް އެމަސައްކަތް ފެށުނު ކަމަށްވެސް އެމްބަސީން ވިދާޅުވއެވެ. އަދި މިކަން ކުރެވުނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށާއި ރާއްޖެއާއި އިންޑިއާ އާއި އޮތް ގުޅުމުގެ ވަރުގަދަކަން ހާމަވާކަމުގައި އެމްބަސީން ފާހަގަކުރެއްވިއެވެ.

އިންޑިއާއިން މިކަމުގައި ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކުރެއްވި ޓްވީޓް ..

އަދި މިނިސްޓަރ ވަނީ މީގެއިތުރުން ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ކަމާބެހޭ ފަރާތްތަކާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލީ ޖޮންގްގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާއަށް ދެއްވި އެއްބާރުލުމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.


ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެހިން ދިރިއުޅެމުންދާއިރު މީގެކުރިން މިނިސްޓަރ ވިދާޅުވެފައި ވަނީ އެ މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ. މުޅި ޗައިނާގައި 69 ދިވެހިން ދިރިއުޅެމުން ގެންދެއެވެ. ސަރުކާރުންވަނީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.