ސިޔާސީ

ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުން ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވަނީ


ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެމްބަރުކަން ލިބުން ފާހަގަ ކުރުމަށް މިހަފްތާގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަވާނެ ކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމުގެ މުނާސަބަތާއި ގުޅުވައިގެން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ، ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެއަށް އަލުން ލިބުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ނެރުއްވެވި ބަޔާނުގައެވެ.

މިގޮތުން ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކޮމަންވެލްތުގެ ސެކެޓްރިއޭޓްގައި ރަސްމީގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވުމާއި ކޮމަންވެލްތު ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުގެ ނަން ހައިކޮމިޝަނަށް ބަދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުން ފާހަގަކުރުމުގެ ގޮތުން މި ހަފްތާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ކަމަށާއި، އެގޮތުން ސްކޫލުތަކުގައިވެސް ހަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި އަލަށް ހުޅުވުނު އިނގިރޭސި ހައިކޮމިޝަނާއެކު ކޮމަންވެލްތާ ރާއްޖޭގެ ސިޔާސީގުޅުން އިތުރަށް ބަދަހިވުމުގެ ދޮރުހުޅުވިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ކޮމަންވެލާ އަލުން ގުޅުމުގެ މި މުނާޞަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ބަޔާނުގައި މިކަން ހަޤީގަތަށް ހެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޚާރިޖިއްޔާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި ޚާއްޞަކޮތެއްގައި ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދެއްވުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓުން ކަންކަން ހަމަޖައްސަވައިދެއްވި އަވަސްކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.