ޚަބަރު

އާސަންދަ ސްކީމުގެ ތެރެއިން ނަފްސާނީ ބަލީގެ ބައެއް ޚިދުމަތްތައް ކަވަރކުރަން ފަށައިފި


އާސަންދަ ސްކީމުގެ ތެރެއިން ނަފްސާނީ ބަލީގެ ބައެއް ޚިދުމަތްތައް ކަވަރކުރަން ފަށައިފިއެވެ.

އާސަންދަ ކޮމްޕެނީ ހާމަކޮށްފައިވާ ގޮތުގައި އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުވައިދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް އާސަންދަ ސްކީމުގެ ތެރެެއިން ލިބިދެވޭ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސައިންދައިގެ ދަށުން ކަވަރުކުރާނެއެވެ.

އާސަންދަ ސްކީމުގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ނަފްސާނީ ބަލީގެ މިޚިދުމަތްތައް ހޯދާ ފަރާތްތަކަށް އަހަރަކަށް ޖުމްލަ ފަސްހާސް ރުފިޔާ ކަނޑައަޅާފައިވާ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.

ނަފްސާނީ ބަލިތަކަށް ޚާއްސަ ކްލިނިކެއް ހުޅުވައި އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ވަޢުދުފުޅެކެވެ. މިވައުދުފުޅުގެ ދަށުން މިދިޔަ 2019 ވަނަ އަހަރުގެ މަރޗް މަހުގެ އެއްވަނަ ދުވަހު "ސެންޓަރ ފޯ މެންޓަލް ހެލްތު"ގެ ނަމުގައި އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ކްލނިކެއްވެސްވަނީ ހުޅުވާފައެވެ.