ވިޔަފާރި

މިދިޔަ އަހަރު ބީއެމްއެލްއަށް 962 މިލިއަން ރުފިޔާގެ ފައިދާއެއް


ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާއްމުކޮށްފައިވާއިރު، ބީއެމްއެލްއިން ބުނީ މިދިޔަ އަހަރަކީ ކާމިޔާނ އަހަރެއްކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައެވެ. އަދި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 2019 ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ.

ހިންގުމުގެ ޚަރަދާއި ޕްރޮވިޝަން ޗާރޖު އިތުރު ވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށާއި ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއަޓާފައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރ ހުޅުވައިފައެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖޭއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރގެ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުވެސް ބޭންކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ. މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށެވެ.

ބޭންކުގެ ސީއީއޯ ވިދާޅުވީ މި ކުއާޓަރގައި އިތުރު ސެލްޕް ސަރވިސް ބޭންކިންގ ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށާއި، އަދި އެކައުންޓް އޯޕަނިންގ ސެންޓަރަކާއި ލޯން ސެންޓަރ އެއްވެސް ހުޅުވިގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިންގ ޕްރޮޓަކްޓްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސޯޔަފ ފާހަގަކުރިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެބޭންކުން ބުނެއެވެ.