ޚަބަރު

ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިންނަށް އަންނަ މަހު ދައުވާކުރަނީ


ދަރިންނަށް ދޭންޖެހޭ ވެކްސިންތައް ނުދޭ ބެލެނިވެރިންނާއި ދެކޮޅަށް ދައުވާކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދަރިފުޅަށް ވެކްސިން ދިނުމަށްފަހު ދަރިފުޅާއި އެކު ހުންނެވި ފޮޓޯއެއް ޓްވީޓްކުރައްވަމުން ޝަމީމް ވިދާޅުވީ ވެކްސިން ދިނުމަށް ދެކޮޅު ހަދާ ބެލެނިވެރިންނާއި ދެކޮޅަށް އަންނަ މަހު ދައުވާކުރަން ފަށާނެކަމަށެވެ.

ވެކްސިން ދޭން ދެކޮޅު ހަދާ ބެލެނިވެރިންންގެ މައްސަލަތައް ބަލާ އެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައި މިވަނީ ރާއްޖެއިން ނަތްތާލާފައިވާ ހިމަބިހި ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ. މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން ރާއްޖެއިން ނައްތާލިކަން އިއުލާންކޮށްފައިވާ ހިމަބިހި އަލުން ފެނުނުކަން ހެލްތް މިނިސްޓްރީން އިއުލާންކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އޭގެ ފަހުން މިހާތަނަށް މި ބަޔަށް 8 މީހަކު ވަނީ ޕޮޒިޓިވެފައެވެ. އޭގެތެރޭގައި ސްކޫލް ދަރިވަރުންވެސް ހިމެނެއެވެ. ހިމަބިއްސަށް ފުރަތަމަ ޕޮޒިޓިވްވީ 3 އަހަރުގެ ކުއްޖެކެވެ.

ހިމަބިހީގެ އަލާމާތްތައް ފެނިގެން މިހާތަނަށް ޖުމްލަ 129 މީހުންވަނީ މި ބައްޔަށް ޓެސްޓްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ދިނުމުގެ މަސައްކަތްވެސް އެޗްޕީއޭއިންވަނީ ފަށާފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދިއުމާއި ގުޅިގެން މިހާތަނަށް 4449 މީހުންނަށް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން މުޅި ރާއްޖެ ހިމެނޭހެން ވެކްސިން ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފެށުމަށްވެސްދަނީ ތައްޔާރުވަމުންނެވެ.

ހިމަބިހިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމަނައިގެން މި ބައްޔަށް ޕޮޒިޓިވްވި މީހުން ގޮސްފައިވާކަމަށް ލަފާކުރެވޭ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ވެކްސިންގ ދިނުމުގެ މަސައްކަތްވެސް އެޗްޕީއޭއިންވަނީ ފަށާފައެވެ. އަދި ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރާ މަރުކަޒެއް ހެދުމުގެ އިތުރުން މިބައްޔަށް ހޭލުންތެރިކުރުމުގެ ކެމްޕެއިނެއްވެސް މިހާރުވަނީ ފަށާފައެވެ.