ޚަބަރު

ފެނާ ނަރުދަމާގެ ޚިދުމަތް 5 ރަށެއްގައި ފުޅާކުރަނީ


ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު
ޤާއިމު ކުރުމާއި، ދެރަށެއްގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކުންފުނިތަކާ
ހަވާލުކޮށްފިއެވެ.

މިއަދު ހައުސިންގް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ފެނަކަ
ކޯޕަރޭޝަނާއި، އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައި އަލަށް
އިމާރާތްކުރަމުންދާ ހައުސިންގް ޔުނިޓަތަކަށް ނަރުދަމާ ގުޅުމުގެ މަޝްރޫޢާއި ހއ.
ދިއްދޫގައި އަލަށް އިމާރާތްކުރަމުންދާ 250 ހައުސިންގް ޔުނިޓަށް ކަރަންޓް އަދި
ނަރުދަމާ ގުޅުމުގެ މަޝްރޫޢާއި ލ. ފޮނަދޫގައި އަލަށް އިމާރާތްކުރާ 85
ހައުސިންގ ޔުނިޓަށް ކަރަންޓާއި ނަރުދަމާ ގުޅުމުގެ މަޝްރޫއެވެ.

މިއެއްބަސްވުންތަކުގައި
ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ.
މުހައްމަދު މުޢިއްޒުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން
ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ބޮޑެތި އާބާދީތަކަށް
ޚާއްސަކޮށްގެން މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ޚާއްސަ އިސްކަމެއް
ދެއްވާކަމަށާއި، މިފަދަ މަޝްރޫޢުތަކާ ގުޅިގެން އާބާދީ އެސްފަސްވުމަށް
މަގުފަހިވެގެންދާނެކަމަށެވެ. 

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ
މި މަޝްރޫޢުތަކުގެ އަގު 42 މިލިއަނަށް އަރައެވެ. 

ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ
ހައުސިންގް ޔުނިޓްތަކަށް ނަރުދަމާ ގުޅުމުގެ މަޝްރޫޢު ފިޔަވާ ދެންހުރި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ދިއްދޫ ނަރުދަމާގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 8 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ. 

މިމަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާ
ހައުސިންގ މިނިސްޓްރީއާ ހަވާލުކުރާނެކަމަށް މިދެކުންފުނިންވެސް ބުނެއެވެ.