ޚަބަރު

ކޮރޯނާ ވައިރަސްޖެހިގެން މަރުވި މީހުންގެ އަދަދު 132އަށް އަރައިފި


ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަށް އަރާފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވެސް ފަސްހާހަށް ވުރެ މަތިވެއްޖެއެވެ.

އަދިވެސް މިވައިރަސް ދާނީ ހަލުވި ކަމާއި އެކު ފެތުރެމުން ކަމުގައި ކަމާއި ބެހޭ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް މިވައިރަސްގެ ސަބަބުން 132 މީހުން މަރުވެފައިވާކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކަށް ކޮށްފައެވެ. އަދި ވައިރަސްޖެހިގެން މިހާތަނަށް 976 (ނުވަސަތޭކަ ހަތްދިހަ ހައެއް) މީހުންގެ ހާލު ސީރިއަސް ވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައި ވެއެވެ. އަދި 5974 (ފަސްހާސް ނުވަސަތޭކަ ހަތްދިހަ ހަތަރެއް) މީހުންނަށް މިވައިރަސް ޖެހިފައިވާ ކަމުގައިވެސް ޑަބުލިޔުއެޗްއޯއިން ހާމަކޮށްފައިވެއެވެ.

މިހާތަނަށް ކޮރޯނާ ވައިރސްއަށް ޕޮޒިޓިވްވި މީހުން އެންމެ ގިނައިން ތިބީ ޗައިނާގައެވެ. އެއީ ޖުމްލަ 4537 މީހުންނެވެ.

ޗައިނާއަށްފަހު އެންމެ ގިނަ މީހުން ކޮރޯނާއަށް ޕޮޒިޓިވްވެފައިވަނީ ތައިލެންޑުންނެވެ. އެޤައުމުގެ 14 މީހަކު މިވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ. ހޮންކޮންގުން 8 މީހުންނަށް މިވައިރަސް ޖެހިފައި ވާއިރު ޓައިޕެއާއި މަކާއުގެ ވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް މަތިވެފައެވެ. . ސިންގަޕޫރުގައިވެސް ވަނީ 7 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ. ޖަޕާނުން 6 މީހުން ޕޮޒިޓިވްވެފައި ވާއިރު އޮސްޓްރޭލިއާއިން 5 މީހުން ޔޫއެސްއޭއިން 5 މީހުންވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މެލޭޝިއާއިން 4 މީހުން ރިޕަބްލިކް އޮފް ކޮރެއާއިން 4 މީހުން ޕޮޒިޓިވްވެފައިވާއިރު ފްރާންސުންވަނީ 3 މީހުން މިވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ކެނެޑާއާއި ވިއެޓްނާމް، މިއިން ކޮންމެ ޤައުމަކުން 2 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ނޭޕާލް، ކެމްބޯޑިޔާ ސްރީލަންކާ އަދި ޖަރމަނީއިން ފެނިފައި ވަނީ ކޮންމެ ޤައުމަކުން ކޮރޯނާއަށް ޕޮޒިޓިވް އެންމެ މީހެކެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާގޮތުގައި ކުރިއަށް އޮތް އެއްހަފްތާ ނުވަތަ 10 ވަރަކަށް ދުވަސްތެރޭގައި ކޮރޯނާ ވައިރަސް އެންމެ ބާރުމިނުފައި ފެތުރޭނެއެވެ. އަދި އެއަށްފަހު މިވައިރަސް ފެތުރޭ މިންވަރު ދަށަށް ދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ޤައުމުތަކުން އަންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

މިވައިރަސްގެ ސަބަބުން މަރުވާ މީހުންގެ ތެރޭގައި، މެޑިކަލް ހިސްޓްރީއަށް ބަލާއިރު ފުއްޕާމޭގެ ބައްޔެއް ހުރުން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ ފުއްޕާމޭގެ މައްސަލައެއް ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ދެރަމީހުން އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ.

އެންމެ އެކަށޭނެ ފަރުވާއެއް އަދި ހޯދިފައިނުވާ މިވައިރަސްއާއި ދެކޮޅަށް މިހާރު ކުރެވެންހުރި ކަންކަމަކީ ބަލިން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހިއަޅާ އިރު ނޭފަތާއި އަނގަމަތި ނިވާކުރުމާއި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިއުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.