ޗައިނާގައި ތިބި ދިވެހިން ސަރުކާރުގެ ޚަރަދުގައި ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ޗައިނާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން އެޤައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އެކަން އަންގައި ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ޗައިނާގައި ދިވެހިން ދިރިއުޅެމުންދާކަމަށް ބެލެވޭ 5 ސިޓީއެއްކަމަށްވާ ޗޮންގްޗިންގް އާއި ޝެންގްޑޫ އާއި ހާންގްޒޫގެ އިތުރުން ނަންޖިންގް އާއި ޝިއާންގައި މިވަގުތު ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.
ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވޫހާން ސިޓީގެ އިތުރުން އެހެން ސިޓީތަކުގައިވެސް މި ވައިރަސް ފެތުރެމުންދާތީ، އެ ސިޓީތަކުގައި ތިބި ދިވެހިންގެ ފުރިހަމަ މަޢުލޫމާތު ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ޗައިނާގެ އެކި ސިޓީތަކުގައި 72 ދިވެހިން އެބަތިއްބެވެ.
ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން 7 މީހަކަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ސަރުކާރުން މިހާރު ވަނީ ފޯރުކޮށްދީފައެވެ. އެ ސިޓީގައި 9 ދިވެހިން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ވިދާޅުވެފައެވެ. އަދި އެ ސިޓީގައި ތިބި ދިވެހިންގެ ތެރެއިން މާލީ އެހީ ފޯރުކޮށްނުދެވި ތިބި ދެ ދިވެހިންނަށް މާދަމާ އެހީފޯރުކޮށްދެވޭނެ ކަމަށްވެސް ދިވެހި އެމްބަސީން ވިދާޅުވެއެވެ.