ޚަބަރު

ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ އިތުރު ސިޓީތަކުގައި ތިބި ދިވެހިނަށްވެސް ދަނީ އެހީވަމުން - ސަފީރު


ޗައިނާގެ އިތުރު ސިޓީތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، އެ ސިޓީތަކުގައި ތިބި ދިވެހިންގެ ފުރިހަމަ މަޢުލޫމާތު ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަކުން އިންގޭގޮތުގައި ޗައިނާގެ އެކި ސިޓީތަކުގައި 72 ދިވެހިން އެބަތިއްބެވެ.

އަދި އެންމެ ބޮޑަށް މި ބަލި ފެތުރިފައިވާ ވުހާން ސިޓީގައި ތިބީ 7 ދިވެހިންކަމަށް ކުރިން ބުނިނަމަވެސް، އިތުރު 2 މީހުންގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ އަދަދު ނުވަޔަކަށް ވަނީ އަރާފައެވެ. ސަފީރު ވިދާޅުވީ ކުރިން މަޢުލޫމާތު ލިބުނު 7 މީހުންނަށް މާލީ އެހީތެރިކަން ދީފައިވާކަމަށާއި، ފަހުން މަޢުލޫމާތު ލިބުނު ދެމީހުންނަށް މާދަމާ މާލީ އެހީ ފޯރުކޮށްދޭނެކަމަށެވެ.

މި 9 ދިވެހިންގެވެސް ޙާލު ރަނގަޅުކަމަށް ސަފީރު ވިދާޅުވިއެވެ.

މި ފަރާތްތައް ވުހާން ސިޓީން ނެރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ވުހާން ސިޓީގައި ތިބި 9 ދިވެހިން ހިމެނޭހެން ޗައިނާގައި މިވަގުތު 72 ދިވެހިން އެބަތިއްބެވެ.

"އެހެން ސިޓީތަކުގައިވެސް ބަލި ފެތުރޭތީ އެމީހުންގެ ޙާލަތު ގާތުން ބަލަމުން މިދަނީ. މި ފަރާތްތަކުންވެސްދަނީ ކަންބޮޑުވުން ފާޅުކުރަމުން. މާލީ އެހީ ނޫނަސް، ފްލައިޓް ހަމަޖެއްސުމާއި އެކި ކަހަލަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެމްބަސީން މިދަނީ އެހީވަމުން. އަދި އެފަދަ ކަމެއް ބޭނުންވެއްޖެނަމަ އެމްބަސީއައި ގުޅުމަށްވާނީ އަންގާފައި. މިރޭވެސް ދެތިން ހަތަރު މީހުން ރާއްޖެ ފުރާނެ." ސަފީރު ވިދާޅުވިއެވެ.

ސަރުކާރުންވަނީ ޗައިނާގެ އެއްވެސް ސިޓީއެއްގައި އެއްވެސް ދިވެއްސެ ހުރިކަން އެނގޭނަމަ އެމީހެއްގެ މަޢުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ އެމްބަސީއާއި ޙިއްސާކުރުމަށް އެދިފައެވެ. އަދި ޗައިނާއާއި އެހެން ޤައުމުތަކަށް ދަތުރުކުރާ މީހުންވެސް އެމީހުން ދަތުރުކުރާ ތަންތަނުގެ މަޢުލޫމާތު ފޮރިން މިނިސްޓްރީއާއި ޙިއްސާކުރުމަށް އެދިފައެވެ.