ޗައިނާގައި ފެތުރެމުންދަ ކޮރޯނާ ވައިރަސް އިން ދިވެހީން ރައްކާތެރި ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވައިފިއެވެ.
ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
ވަޒީރުންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި އެކު ވަކިވަކިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން މަސައްކަތް ކުރުމަށް އެކުލަވައިލައްވާފައިވާ ޚާއްޞަ ޓާސްކްފޯސްގެ މަސައްކަތްތަކާއި، މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި، މި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، މި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ސާފުކުރައްވައި، މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ޙާލަތުގައި ޢަމަލު ކުރައްވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު އެމަނިކުފާނުވަނީ އޮޅުންފިލުއްވާފައެވެ. އަދި، މި ބަލީގެ އަސަރު އެންމެ ބޮޑަށް ފެނިފައިވާ ޗައިނާގެ ވޫހާން ޕްރޮވިންސުގައި މިވަގުތު ދިރިއުޅެމުންދާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަޒީރުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ އެބަލީގެ ޚަބަރު ސަރުކާރަށް ލިބުނު ހިސާބުން ފެށިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފެށިކަން ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ފުރަތަމަ އެކުލަވާލެއްވީ ކަމާގުޅޭ ޚާއްޞަ ޓާސްކްފޯހުގެ މަސައްކަތްތައް ކަމާބެހޭ ދާއިރާތައް ގުޅިގެން ކުރިޔަށް ދާކަމަށާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުން ގެންދާކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ވައިރަހުގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވަޒީރުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ޗައިނާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެން ފެށުމާ ގުޅިގެން، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ކަމާއިބެހޭ އިދާރާތަކުން އަޅަން ފަށާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާ ހުރިހާ ފަސިންޖަރުން "ތަރމަލް ކެމެރާ" ބޭނުންކޮށްގެން މެދުވެރިކޮށް ސްކްރީން ކުރުން ހިމެނެއެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ އަދި ބަލީގެ ޢަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން، ޗައިނާއާއި މި ބަލީގެ އަސަރު ފެނިފައިވާ އެހެން ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ މަޢުލޫމާތު ސާފުކޮށް އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނާއި، ޞިއްޙީ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެތެރޭގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އޮފިޝަލުން ހިމެނި ވަޑައިގަންނަވައެވެ.