ދުނިޔެ

ލަންކާއަށް އެތެރެވި ޗައިނާ ފަތުރުވެރިއަކު ކޮރޮނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ


ސްރީލަންކާއަށް އެތެރެވި ޗައިނާ ފަތުރުވެރިއަކު ކޮރޮނާވައިރަހަށް ޕޮޒިޓިވްވެއްޖެކަމުގައި ސްރީލަންކާގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ކޮރޮނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، އެޤައުމަށް އެތެރެވި އުމުރުން 43 އަހަރުގެ ޗައިނާގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ.

އެމީހާއަކީ ކޮރޮނާވައިރަހަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނުކޮށް ޓެސްޓް ކުރުމުގެ ތެރޭގައި، ސްރީލަންކާއިން އެވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ފެތުރެމުން ދާއިރު، ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާގެ ސަރަހައްދުން ނޭޕާލުންވެސް މިވައިރަސްޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ. އެހެންކަމުން ސްރީލަންކާ ވެފައި މިވަނީ ސައުތު އޭޝިއާ ސަރަހައްދުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނުނު ދެވަނަ ޤައުމަށެވެ.

ކޮރޮނާވައިރަސް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އަޅަމުންގެންދާ ފިޔަވަޅުތައް ދިވެހި ސަރުކާރުންވެސް ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ އިންޓަރނޭޝަނަލް ޕޯޓުތަކެއްގައި ތާމަލް ކެމެރާތައް ހަރުކޮށް ރާއްޖެ އެތެރެވާ މީހުން މިވައިރަހަށް ދަނީ ސްކްރީން ކުރަމުންނެވެ. އަދި ވައިރަސް ޖެހިފައިވާ މީހަކު ނުވަތަ ޝައްކުވާ ބަޔަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އެފަދަ މީހުން ކަރަންޓީންކޮށް ބެލެހެއްޓުމަށް މަރުކަޒުތައްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި ހަރަކާތްތެރިވާނެ ޚާއްސަ ސިއްޚީ ޚިދުމަތްތެރިން ތަމްރީން ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ކޮރޮނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކެއް، އެވައިރަަހަށް ހުށައެޅުމުގެ ފުރުޞަތު އޮތް މީހެއްގެ ކިބައިން ފެނިއްޖެ ނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.