ޚަބަރު

ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައި: ހެލްތު މިނިސްޓަރ


ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވެދާނެ ކަމަށް ބަލައި އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިނަމަވެސް މި ބަލި ފެތުރިދާނެފަދަ ހާލަތެއް ދިމާވެދާނެތީ އެކަމަށް ތައްޔާރުކުރަންޖެހޭ އައިސޮލޭޝަން ފެސިލިޓީ ހުޅުމާލޭގައި ޤާއިމް ކޮށްފައިވާކަމަށެވެ. އަދި މި ވައިރަސް ފެތުރިގެން ހިނގައިދާނެ ހާލަތަށް ބަލައި މާލެ އާއި ކައިރީގައި އޮންނަ ފޮނަދޫގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމް ކުރުމަށް ސަރުކާރުން ނިންމަވާފައި ވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ވައިރަހަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެނަމަ އެކަމަށް ހަދަންޖެހޭ ޓެސްޓުމަށް އަވަސްގޮތެއްގައި ހެދުމަށްޓަކައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ސާމްޕަލްތައް ފޮނުވަންޖެހޭ ލެބޯޓްރީތަކަށް ފޮނުވައި އަވަސްގޮތެއްގައި ނަތީޖާ ލިބޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތަކާއި، ކަނޑު ބަނދަރުތަކުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ކޮރޯނާ ވައިރަހަށް ސްކްރީންކުރުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ވައިރަހަށް ޕޮޒިޓިވްވާ ފަރާތްތައް ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އައިޖީއެމްއެޗްގައިވެސް އައިސޮލޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.