ޚަބަރު

ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފުގެ މައްސަލަ އާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ދިވެހިރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސް ނަގާ ޓެރިފްގެ މައްސަލައަށް ހައްލެއްހޯއްދެވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ދެނިސް ޗައިބީ މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނަޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ދެނިސް ޗައިބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި އެރުވުމަށްފަހު ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލު ކުރެއްވުމުގައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޓެކްސް ނަގާ ޓެރިފްގެ މައްސަލައަށް ހައްލެއްހޯއްދެވުމުގެ މަޝްވަރާކުރެއްވުމުގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވަނީ، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަކީ 2050 ވަނަ އަހަރުގެ ނިޔަލަށް “ކާބަން ނިއުޓްރަލް” ޤައުމުތަކެއްގެ ކަމުގައި ހެދުމަށް ޔޫރަޕިއަން ޔޫނިއަން ކައުންސިލުން ނިންމަވާފައިވާ ނިންމެވުމަށް ތައުރީފުކުރައްވާ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރު ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ގުޅުން ބަދަހިވެފައިވާ މިންވަރަށާާއި އީޔޫގެ މަތީ ފަންތީގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ރައީސުލްޖުމަހޫރިއްޔާގެ ވާހަކަފުޅުގައި “މޯލްޑިވްސް-އީޔޫ-ޑައިލޮގް” ގެ ސަބަބުންވެސް ރާއްޖެއާއި އީޔޫގެ ބަދަހި ގުޅުން ކަށަވަރުވާކަމުގައި ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ޚިޔާލު އެއްގޮތް ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ގްރީސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޑިއޮނީސިއޯސް ކީމްއެޓޮސް، ވެސް މިއަދު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. މިބައްދަލު ކުރެއްވުމުގައި ވެސް ރައީސުލްޖުމުހޫރިއްޔާ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުންދާ ޓެކްސް ކުޑަކުރުމަށް ގްރީސް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

މިބައްދަލު ކުރެއްވުމުގައި ގްރީސްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ގްރީސް ސަރުކާރުން ރާއްޖެއަށް ބޭނުންވާ އެންމެހައި އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މަޢުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ އެ ޕްލޭނުގެ ފުރިހަމަކަން ފާހަގަކުރައްވައި ދިވެހި ސަރުކާރަށް ތަޢުރީފުކުރެއްވިއެވެ.

މީގެ އިތުރުން، ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ މިސް ޓްރައިން ޖޮރާންލީ އެސްކެޑަލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ވަނީ އަރުއްވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ނޯވޭގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް މަރުޙަބާ ދަންނަވައި، ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނޯވޭ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާއަށް ރާއްޖެއިން ވިދާޅުވި މަރުޙަބާއަށް ޝުކުރުއަދާކުރައްވައި، ދެ ޤައުމުގެ ދެމެދު ގިނަ ރޮނގުތަކުން މިހާރުވެސް ގުޅުންބަދަހިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިޤްތިޞާދީ ތަރައްޤީގެ ދާއިރާއާ ތިމާވެށީގެ ދާއިރާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާ ނޯވޭއިން ގުޅުން ބަދަހިކުރެވިފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ