ޚަބަރު

ކޮރޮނާވައިރަހަށް ފަރުވާދިނުމަށް 6 ދުވަހުގެ ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅަނީ


ޗައިނާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޮނާވައިރަސް ފުރަތަމަ ފެނުނު ވުހާން ޕްރޮވިންސްގައި 6 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

1،000 އެނދުގެ ހޮސްޕިޓަލެއް ވުހާންގައި އަޅަނީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރިކޮށް ފަރުވާދިނުމަށެވެ. އަލަށްއަޅާ ހޮސްޕިޓަލުގައި ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ގިނަ ވަޞީލަތްތަކެއް ޤާއިމުކުރާނެއެވެ. ޗައިނާއިން މަސައްކަތްކުރަނީ އަންނަ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުގެ ކުރިން ހޮސްޕިޓަލުގެ މަސައްކަތް ނިންމަންށެވެ. ވުހާން ވައިރަސް ޖެހިފައިވާ މީހުންނަށް ޚާއްޞަ އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ޗައިނާއިންދަނީ ކުރަމުންނެވެ. 1،300 އެނދުގެ މިހޮސްޕިޓަލުގެ މަސައްކަތް 13 ދުވަހުގެ ތެރޭގައި ނިންމުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ޗައިނާގެ ވުހާން ޕްރޮވިންސްގައި ޤަވައިދާ ޚިލާފަށް ވަލުޖަނަވާރު ވިއްކާ މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ވުހާން ވައިރަސް ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 56އަކަށް އަރައިފައެވެ. އަދި 2،000އަށްވުރެ ގިނަ މީހުންގެ ގައިން ވުހާން ވައިރަސް ފެނިފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.