ޚަބަރު

ނައިފަރުގެ 100 ހައުސިންގ ޔުނިޓު ފަރުމާކޮށްފައި ވަނީ ޖަޒީރާވަންތަ ގޮތަށް: ހައުސިންގ


ޅ.ނައިފަރުގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓަކީ ސަރުކާރުގެ ޖަޒީރާވަންތަ ތަޞައްވުރާއި އެއްގޮތަށް ޑިޒައިންކޮށްފައިވާ ހައުސިންގ ޔުނިޓުތަކެއްކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ޅ.ނައިފަރުގައި ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ 100 ހައުސިންގ ޔުނިޓު ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނަށެވެ. މިޕްރޮޖެކްޓްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެވެ. އަދި އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. 72 މިލިއަން ރުފިޔާގެ މިމަޝްރޫގެ ދަށުން އަޅާ 100 ހައުސިންގ ޔުނިޓު މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 11 މަސްދުވަހުގެ މުއްދަތެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ޖަޒީރާވަންތަކަން ނުގެއްލޭގޮތަށް ތަރައްޤީކުރާ ގެދޮރުވެރިކަމެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާރްސީސީގެ ޑިރެކްޓަރ މުޙައްމަދު ނާޒިމް ވިދާޅުވީ ޅ.ނައިފަރުގައި އަޅާ 100 ހައުސިންގ ޔުނިޓުތަކަކީ ޖަޒީރާވަންތަ ތަޞައްވުރާއި އެއްގޮތަށް ފަރުމާކޮށްފައިވާ ގެތަކެއް ކަމަށެވެ. އެގޮތުން މިހައުސިންގ ޔުނިޓުތައް ފަރުމާކޮށްފައި ވަނީ އެތަންތަނުގެ ވަށައިގެން ހުސްޖާގަ އޮންނަ ގޮތަށް، ކުޑަކުދިން ކުޅެއުޅުމަށާއި ގަސްއިންދަށް ހެއްދުމަށް ޖާގަލިބޭނެ ގޮތަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

އާރްސީސީން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކުގައި ހިމެނެނީ ތިންބުރީގެ ތިން ބްލޮކާއި ހަތަރު ބުރީގެ އެއް ބްލޮކެވެ. 3 ބުރީގެ ހައުސިންގ ޔުނިޓުތަކުގައި ހިމެނެނީ 24 އެޕާޓްމަންޓެވެ. އަދި 4 ބުރީގެ ހައުސިންގ ޔުނިޓުގައި 28 އެޕާޓްމަންޓު ހިމެނޭނެކަމަށް އާރްސީސީން މަޢުލޫމާތުދެއެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ސިޓިންގރޫމު ހުންނާނެކަމަށް އާރްސީސީން ވިދާޅުވެއެވެ. މީގެ އިތުރުން މިމަޝްރޫޢާއެކު މާފިލާފުށިން ނައިފަރަށް ބަދަލުކުރި މީހެއްގެ އެއްހާސް އަކަފޫޓުގެ ގޯއްޗެއްގައި 1 ބުރީގެ ހައުސިންގ ޔުނިޓެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައިވާކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.