ޚަބަރު

އަދީބަށް ކުރާ މަނީލޯންޑަރިން ދައުވާގެ އަޑުއެހުންތައް މިއަދު ފަށަނީ


ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާގެ ޝަރީއަތްތަށް މިއަދު ފެށުމަށް ކްރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ.

މިއަދު އަޑުއެހުންތައް ފެށުމަށް ހަމަޖެހިފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާގެއެވެ.

މި މައްސަލަތަކުގެ އަޑުއެހުންތައް އޮންނާނީ މިއަދު މެންދުރުފަހު 14:00 ގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ވަނީ 7 ދައުވާއެއް އުފުލާފައެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާަކާއި މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

މި މައްސަލަތަކުގެ ތެރެއިން ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް މިމަހުގެ 21 ވަނަދުވަހު ފެށުމަށް ތާވަލްކުރި ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމަށް އެދުވަހުގެ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ. އަޑު އެހުން ކެންސަލްކުރަން ވަކީލުން އެދިވަޑައިގެން ސަބަބެއް ކޯޓަކުން ހާމައެއް ނުކުރެއެވެ.

މި މައްސަލަތައް ނިމެންދެމް އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މީގެކުރިން އަމުރުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާއި އަދި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެހެންނަމަވެސް މަތީ ކޯޓްތަކުން ފަހުން ވަނީ އެ ހުކުމްތައް ބާތިލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށުގައި އަހްމަދު އަދީބުގެ އިތުރުން އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ 30 ވުރެ ގިނަ ދައުވާ އުފުލާފައެވެ. މީ އެކެއްގެ މައްޗަށް މިހާ ގިނަ ދައުވާ ކުރާ ފުރަތަމަ ފަހަރުއެވެ. ޒިޔަތުގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.