ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމުކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާޚިލާފް ޢަމަލުތައް ހިންގަމުން އަންނަތީ އެފަދަ ކަންކަން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އިލްތިމާސްކުރައްވައިފިއެވެ.
މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ފުލުހުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ދައުލަތާއި ކަމާބެހޭ އިދާރާތައް ޒިންމާދާރުކުރުމަށް ބާރު އަޅާ ހިންގާ ހަރަކާތްތަކަށް އެއިދާރާއިން މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވާ ކަމަށެވެ.
އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތައް ހުއްޓުވުމަށް ޚާއްސަކޮށް ޒުވާނުން އިންސަނަގައިގެން ހިންގާ ހަރަކާތްތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އެފަދަ މައްސަލަތައް ރިޕޯޓުކުރުމާއި ފަސް ޖެހުމެއްނެތި އެފަދަ މައްސަލަތަކާގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޙިއްސާކުރުމުގެ ރޫހެއް އުފެދިފައިވާކަން މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އުޅޭ މިފަދަ ޢަމަލުތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދިނުމަށް މަގުފަހިވާނެކަމެއްކަމަށްވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ނަމަވެސް ހެޔޮ ނިޔަތުގައި އާންމު ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުއައްސަސާތައް ޒިންމާދާރުކުރުމަށް އިންތިޒާމްކުރާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފް ޢަމަލުތައް ހިންގައި ކުޑަކުދިންނާއި އެނޫންވެސް ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ލިބި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތައް ތަކުރާރު ކުރަމުންދާކަން ފާހަގަކުރެވޭކަމަށް ފުލުހުންގެ ބަޔާނުގައިވއެވެ. މިގޮތުން މީހުން ދިރުއުޅޭ ތަންތަނާއި ހޮސްޕިޓަލު ފަދަ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤާނޫނީ ހަމަތަކާއި އުސޫލުތަކުގެ ބޭރުން މީހުންނަށް އަނިޔާކޮށް ހެދުމުގެ މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
"މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ދާއިރާތަކުން ބޭރު އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް އެއްވެ އަޑުއުފުލުމުގެ މަޤްޞަދާއިވެސް ޚިލާފް ކަމަކަށްވުމުން އާންމުންނާއި ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ، ބޭއިންސާފުން ނުވަތަ ޤާނޫނީ ހަމަތަކުން ބޭރުން އެއްވެސް ފަރާތަކަށް އަނިޔާކޮށް ގޯނާކޮށް ނުހެދުމަށް މިސަރވިސްއިން އިލްތިމާސްކުރަމެވެ" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ހަބަރުތައް ގެނެސްދޭ ބައެއް މީޑިޔާތަކުންވެސް މިފަދަ ކަންކަމާއި ގުޅޭގޮތުން ޚަބަރު ފެތުރުމުގައި މިފަދަ މައްސަލަތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކަށް އަނިޔާކޮށް ގޯނާކުރުމަށް ހިއްވަރުދީ އަދި އެއީ އެފަދަ ފަރާތްތަކާއި މެދު ކަންކަން ކުރަންޖެހޭ ގޮތްކަމަށް ދެއްކުމަށް މަސައްކަތްކުރާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
" ކޮންމެ ފަރުދަކާއި މެދުވެސް ޤާނޫނުގައިވާ ގޮތުގެމަތީން ޢަމަލުކޮށް އިންސާނީ ޙައްޤުތަކާއި ކަރާމާތް
ރައްކާތެރިކުރުމަކީ މިސަރވިސްގެ މަސްޢޫލިއްޔަތަކަށް ވީހިނދު ކުށުގެ ތުހުމަތު އުފުލޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައިވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އަދި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންވެސް ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވީހިނދު މިފަދަ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ކުށް ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު މިސަރވިސްއަށް ފަހިކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް މިސަރވިސްއިން އެދެމެވެ. " ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި ދެކުނުގެ ރަށެއްގައި ދެއަހަރު ނުވާ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގައި އޭނާގެ ބައްޕަ އިހުމާލުވީކަމަށްބުނެ އޭނާ ދިރިއުޅެމުން ދިޔަ ގެކައިރިއަށް ގިނަ ބަޔަކު އެއްވެސް އެ ގެއަށް ގެއްލުންތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ އެހެން މީހަކަށްވެސް ބަޔަކު މީހުންވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށްވެސް ބަޔަކު ގެއްލުން ދީފައިވެއެވެ.