ޚަބަރު

ކޮރޯނާ ވައިރަސް މީ ކިހިނެތް ފެތުރޭ އެއްޗެއް؟


ޗައިނާގެ ވޫހާން ސިޓީން ފެނުނު އާ ރޯގާގެ ނުރައްކާތެރިކަން މި ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. މި ބަލީގައި މިހާތަނަށް ސާޅީސް މީހުން މަރުވެ 1200 ވުރެ ގިނަ މީހުންގެ ގައިން މި ވައިރަސް ވަނީ ފެނިފައެވެ. އަދި މި ވައިރަސް ދުނިޔޭގެ އެކި ހިސާބުން މިވަނީ ފެނިފައެވެ. މީގެތެރޭގައި ދިވެހިން އާއްމުކޮށް ގޮސް އުޅޭ ގައުމުތައްވެސް ހިމެނެއެވެ.

އެހެންކަމުން މި ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި މި ވައިރަސް ފެތުރޭ ގޮތް އެނގުން މުހިއްމެވެ.

ކްރޯނާ ވައިރަހަކީ ކޮބާ ؟

މި ވައިރަހަކީ އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލި ޖައްސާ ވައިރަހެކެވެ. އާދައިގެ އަރިފަދުސް ރޯގާ، މާސް، ސާސް ފަދަ ބަލިތައް މި ވައިރަހުން ޖެހެއެވެ.

ނޮވެލް ކްރޯން ވައިރަހަކީ ކޮބާ ؟

މީ ކޮރޯނާ ވައިރަހުގެ ބާވަތަކެވެ. މި ބަލި އާއްމުގޮތެއްގައި ފެތުރެނީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށެވެ. އެހެންނަމަވެސް މިހާރު އިންސާނުންގެ ފަރާތުން ގައިން ގަޔަށް އަރާ ބަޔެއްގެ ގޮތުގައި އެހެން އިންސާނުންގެ ގަޔަށްވެސް މި ބަލި ފެތުރެމުން އާދެއެވެ.
މި ވައިރަސް ފެތުރެމުންދަނީ ހަލުވިކަމާއި އެކުއެވެ. ކުރިން ދުވާލަކު އެއްކޭސް ފެންނަމުން ދިޔަ މި ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް ވަނީ ފެނިފައެވެ.

މި ބަލީގެ އަލާމަތްތަކީ ކޮބާ؟

މިހާތަނަށް އެނގިފައިވާ ގޮތުގައި މި ވައިރަހުގެ އަލާމަތްތައް ފެންނަނީ ވައިރަސް ހަށިގނޑަށް ވަންނަތާ 2 ދުވަހާއި 14 ދުވަހުގެ ތެރޭގައެވެ. މި ބަލީގެ އަލާމަތްތަކީ

- ހުން އައުން ( ހުން ހުންނާނީ 38 ޑިގްރީ ސެލްޒިއަސް އަށް ވުރެ މަތީގައި )
- ކެއްސުން
- ނޭވާ ކުރުވެ ނޭވާލާން އުނދަގޫވުން

ބަލީގައި ބޮޑުވަރުވާ މީހުންނަށް ނިއުމޯނިއާ ޖެހެއެވެ. މީގެއިތުރުން ކިޑްނީ ފެއިލްވުމާއި ބައެއް މީހުންގެ ފުރާނަ ގެއްލުންވެސް އެކަށީގެންވެއެވެ. މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށް މިވަނީ ވެފައެވެ. ބަލި ޖެހުން އެންމެ ގާތީ ހުން އައިސް ކެއްސާ މީހުންނާއި ގައިގޯޅިވުމުން ނުވަތަ އެފަދަ މީހުންނާއި ކައިރީގައި އުޅޭ މީހުންގެ ގަޔަށެވެ. އެގޮތުން މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑެތި ތަންތަނުގެ ތެރޭގައި ގޭތެރެ އާއި އޮފީސްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނެއެވެ.

މި ބަލީގެ ފަރުވާ އަކީ ކޮބާ؟

މިއީ އަލަށް ފެނުނު ބައްޔެއްކަމުން މި ބައްޔައް ވަކި ފަރުވާއެއް ނުވަތަ ވަކި ވެކްސިނެއް އަދި ނެތެވެ. ފަރުވާ ދެމުން އަންނަނީ ވައިރަހަށް ޕޮޒިޓިވްވާ މީހެއްގެ ގައިން ފެންނަ އަލާމަތްތަކަށް ބަލައިގެންނެވެ.

ރައްކާތެރިވާނީ ކިހިނެތް ؟

- ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން
- ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން
- އާއްމު ސާފުތާހިތުކަމަށް ސަމާލުކަން ދިނުން
- މާސްކް ބޭނުންކުރުން
- މީހުން ގިނަ ތަންތަނަށް ނުދިޔުން

24 ޖެނުއަރީ އާއި ހަމައަށް މުޅި ދުނިޔެއިން މި ބަލީގެ 845 ކޭސް ވަނީ ފެނިފައެވެ. ޗައިނާއިން އެކަނި ވަނީ 830 ކޭސް ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 177 މީހުންނަށްވަނީ ބަލި ބޮޑުވެފައެވެ.

މި ބަލި ޗައިނާގެ އިތުރުން ސައުތު ކޮރެޔާ، ޓައިވާން ، ޖަޕާން ، ނޭޕާލް ސިންގަޕޫރް އަދި އެމެރިކާއިން ވަނީ ފެނިފައެވެ. ވީމާ މި ބައްޔަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު މިހާރުން މިހާރަށް ފަރުދީ ގޮތުން އެޅުން މުހިންމެވެ.