ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި 7 ދިވެހިންނަށް ކުރިއަށް އޮތް ދެދުވަސްތެރޭ މާލީ އެހީ ހަވާލުކުރެވޭވަރުވާނެ ކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢާއިޝަތު އަޒީމާ ވިދާޅުވެއްޖެއެވެ. އަޒީމާ މިހެން ވިދާޅުވީ ވޫހާންގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުވައިދިނުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެވެ.
އަޒީމާ ވިދާޅުވީ އެމްބަސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވޫހާން ޕްރޮވިންސްގައި ޖުމްލަ 10 ދިވެހިން އުޅެމުންދާ ކަމަށެވެ. އެހެންނަމަވެސް މިވަގުތު އެސިޓީގައި ތިބި 7 ދިވެހިންގެ ތެރޭގައި ހިމެނެނީ 5 ކިޔަވާ ކުދިން ކަމަށާއި އަނެއް ދެމީހުންނަކީ ޢާއިލާގެ މީހުން ކަމަށެވެ. މީގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށާއި މިއެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުންދަނީ ވޫހާން ސިޓީގައި ތިބި 7 ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ޗައިނާ ސަރުކާރުގެ ފޮރިން އެފެއަރޒްއާއެކު މަޝްވަރާކުރަމުންނެވެ. މިތަނުގައި ދިރިއުޅެމުންދާ ބައެއް ކުދިން އެސިޓީން ބޭރުވެ ރާއްޖެ އަންނަން ބޭނުންވެފައިވާކަން ހާމަކޮށްފައިވާ ކަމަށްވެސް ސަފީރު އަޒީމާ ވިދާޅުވިއެވެ.
ވޫހާން ސިޓީގައި ތިބި އެހެން ޤައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުންވެސް ވަނީ ދެއްވާފައެވެ.
ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން މަޢުލޫމާތުދީފައިވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި 43 ދިވެހިން ދަނީ އުޅެމުންނެވެ. މި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްބަސީންވަނީ ބުނެފައެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި، ޗައިނާއާއި އަދި އެހެން ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުން އެމީހުންގެ ދަތުރާއި ގުޅޭ މަޢުލޫމާތު ފޮރިން މިނިސްޓްރީއާ ޙިއްސާކުރެއްވުމަށްވަނީ އަންގަވާފައެވެ. އަދި ޗައިނާގައި އުޅެމުންދާ މީހަކު އެނގޭނަމަ، އެމީހަކާ ގުޅޭ މަޢުލޫމާތުވެސް ފޮރިން މިނިސްޓްރީއާ ޙިއްސާކުރެއްވުމަށްވަނީ އިލްތިމާސްކޮށްފައެވެ. ކޮންސިއުލަރ އެމަރޖެންސީ ނަންބަރަކީ 7983400އެވެ.