ޚަބަރު

ކޮރޯނާ ވައިރަހުގެ މީހަކު ރާއްޖެއިން ފެނިފައެއް ނުވޭ - އެޗްޕީއޭ


މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އެއްވެސް މީހަކު ރާއްޖެއިން އަދި ފެނިފައިނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޮނާ ވައިރަސް މިހާރު އަންނަނީ އެހެން ޤައުމުތަކަށްވެސް ފެތުރެމުންނެވެ. މި ވައިރަހަށް ޕޮޒިޓިވްވި މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައްދުދެއްވާ އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގެ ވައިގެ ބަނދަރުތަކާއި، ކަނޑު ބަނދަރުތަކުގައި ކޮރޯނާ ވައިރަހަށް ސްކްރީން ކުރަމުންދާ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖެއިން އެޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުންދާތީ މި ބަލި ދިވެހިރާއްޖޭގައި ފެތުރުނަ ނުދިނުމަށް ޚާއްސަ އިންތިޒާމުތަކެއް ހެލްތު މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ކޮރޯނާ ވައިރަހަށް ސްކްރީންކުރުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ޕޯޓްތައް ހިމެނޭހެން ޖުމްލަ 6 ތާމަލް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

މި ވައިރަހަށް ޕޮޒިޓިވްވާ ފަރާތްތައް ބެލެހެއްޓުމަށް ވަގުތީ އައިސޮލޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ކަމަށާއި، މީގެ އިތުރުންވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް އައިސޮލޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިބަލީގެ ހާލަތު މާބޮޑުވެއްޖެނަމަ އެކަމަށް ފަރުވާދިނުމަށް އައިޖީއެމްއެޗްގައިވެސް އައިސޮލޭޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޮނާވައިރަސް ފެތުރި އެ ބަލީގައި މިހާތަނަށް 40 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި މި ބައްޔަށް 1200 ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ޗައިނާގެ ވުއާން ޕްރޮވިންސުން ފެނިފައިވާ މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަހެއްކަން މިހާރުވަނީ ޢިއުލާންކޮށްފައެވެ. އެހެންކަމުން ބަލިޖެހިފައި ހުރި މީހަކު ނޭވާލާ ނުވަތަ ކެއްސާ ކިނބިހިއެޅުމުގެ ސަބަބުން އެހެން މީހުންނަށް ބަލިޖެހޭނެއެވެ. މިބަލިން ރައްކާތެރިވުމަށް ބަލިމީހުން ކައިރިއަށް ނުދިޔުމަށާއި ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އެޅުމުގައި އަނގަމަތި ބަންދުކުރުން ހިމެނެއެވެ. މި ވައިރަސް ފެނިފައިވަނީ ދޫނިސޫފާސޫފި އަދި ޖަނަވާރާއި ސީފުޑް ވިއްކާ ބާޒާރުތަކުންކަމަށްވުމުން އެފަދަ ތަންތަނަށް މިދުވަސްވަރު ނުދިޔުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.